EN

ދަތުރު

ދިވެހި އަދަބީ ފޯވަހި 2023-2024 | ކުރުވާހަކަ (ކ4) – 1 ވަނަ، އަޙްމަދު ނާއިހު 

      އަހަރެން ލޯންޗުގައި އިންދާ ކުއްލިއަކަށް ނެގި ބޮޑު ރާޅުން ހަނދާންވީ މީގެ 10 އަހަރު ކުރީގެ ހިތި ހަނދާނެކެވެ. މާޒީވެ ގޮސްފައިވާ އެ ނާމާން ހާދިސާ އަހަރެންގެ ލޯ ކުރިމަތީގައި ތަމްސީލުވާން ފެށިއެވެ.

      އެއީ މީގެ 10 އަހަރު ކުރިއެވެ. އަހަރެން ދިރިއުޅެމުން ދިޔައީ އަތޮޅުތެރޭގެ ރަށެއްގައެވެ. ކުރިއަށް އޮތީ ޗުއްޓީ ދުވަސްތައްކަމުން އާއިލާ އެންމެން ފަޅު ރަށަކަށް ދަތުރުދާން ނިންމީމެވެ. 

      ގަޑިން ރޭގަނޑު 9 ޖެހީއެވެ. މާދަމާ ދަތުރު ދިޔުމަށްޓަކައި އަވަހަށް ހޭލަން ހުރިހާ ކުޑަކުދިން ނިދަން ތައްޔާރުވަމުން ދިޔައެވެ. އަހަރެން ވެސް އެ ކުދިންނާ އެކު ބައިވެރިވީމެވެ. ބޮޑެތި މީހުން އުޅުނީ ދަތުރަށް ގެންދާނެ ސާމާނު އެއްކުރަންށެވެ. 

      ފަޒާގައި ގުގުމަމުން ދިޔަ ބަންގީގެ ހިތްގައިމު އަޑަށް އަހަންނަށް ހޭލެވުނެވެ. އަދި ކޮއްކޮމެންނަށް ގޮވާފައި އަހަރެން ނަމާދަށް ދިޔައީމެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ޖަވާހިރުތަކެއް ފަދައިން ވިދާ ބަބުޅަމުން ދިޔަ ތަރިތަކުގެ ވިދުން ނުލާހިކު ގަދައެވެ. 

      ގަޑިން ހެނދުނު ހައެއް ޖެހީއެވެ. އަހަރެންނާއި އަހަރެންގެ އެއްބަނޑު އެއްބަފާ 2 ކޮއްކޮއާއި މަންމައާއި ބައްޕައާއި ދޮންބެއާ އެކު ލޯންޗު ނައްޓާލިއެވެ. ފަތިހުގެ ތެތް ފިނިކަމުގެ އަސަރު ދިޔައީ ކެނޑެމުންނެވެ. އަނދިރިކަމުގެ މައްޗަށް އިރުގެ އަލި ގަދަކުރަމުން ދިޔައެވެ. އޮމާން ކަނޑުގެ ލޮނުގަނޑު ކަފަމުން ހުދު ފޮނުއަރުވަމުން ހަލުވި ދުވެއްޔެއްގައި ދުއްވަމުން ދިޔަ ލޯންޗުގެ މިސްރާބު ހުރީ ހދ.މުރައިދޫއަށެވެ. ވިއްސަކަށް މިނެޓުގެ ދަތުރަކަށް ފަހު މަންޒިލަށް ވާސިލްވެވިއްޖެއެވެ. ބޯކިރުކޮޅެއްހާ ހުދު ދޮންވެލި ގަނޑެކެވެ. މަތީގައި އުދުހެމުންދިޔަ ދޫނިތަކުގެ ތޫލިއަޑުން ޙަމްދު ސަނާ ރައްދު ކުރަމުން ދިޔައެވެ. އެންމެން ލޯންޗުން ފޭބުމުން އަހަރެން ގޮނޑުދޮށުގައި ހިނގާލީމެވެ. ބިއްލޫރި ކޮޅެއްހާ ސާފު ލޮނުގަނޑު ތެރޭގައި ދެކޮޅަށް ދުވެލަދުވެލާ އުޅޭ މަސްތައް ފެނި ހިތަށް ހަމަޖެހުން ގެނުވައެވެ. ހިމޫން ދޮންވެލިގަނޑުގެ މަތީ ދުވަމުން ދިޔަ ކަކުނިތަކުގެ ހަރަކާތްތަކުން ހިނިއާދެއެވެ. އެންމެ ފުރަތަމަ އެންމެން ސައިބޮއިގެން ފެށީ ކުޅެންށެވެ. އެއަށް ފަހު އަހަރެން ބައްޕައާއެކު މަހަށް ދިޔައީމެވެ. ކަނޑުގައި ސަތަރި އަޅާފައި އޮތް ފަދައެވެ. މިހާރު ވައިކޮޅެއް ވެސް ނުޖެހެއެވެ. 

      ބޭނުނު މަސްތައް ފިހެ މެންދުރު ނޫޑުލީހާ އެކު ކެއީމެވެ. މެންދުރުގެ ވަގުތުތައް ދިޔައީ ގުނާނުލެވޭހާ އަވަހަށެވެ. ދީފައިވާ ރަތްދަކަ އަވި މަޑުވަމުން ދާހެން ހީވިއެވެ. އިސާހިތަކު 3 އުދަރެސް ބައްދާލާފައި ބޮޑު ވިލާގަނޑެއް ނެގިއެވެ. ވައިބާރުވެ، ޖެހޭ ވައި ރޯޅިތަކަށް ހެއްލި ގަސްގަހުގެ ގޮފިތައް އެކަތި އަނެކެއްޗާ ކޯޅޭ އަޑުން މާހައުލަށް ނާމާންކަން ގެނުވިއެވެ. 

      އަވަހަށް ވިއްސާރަ އަލިނުވާނޭހެން ހީވާތީ ގެނައި އެއްޗެހި ލޯންޗަށް އަރުވައި ރަށަށް ދާން ދަތުރު ފެށީމެވެ. ކުރިއަށް ވުރެ ވައިގަދަ ވީއެވެ. ދަތުރު ފެށިއިރު އަހަރެމެންނަށް ކިޔަމަންވެގެން އޮތް ކަނޑުގެ ލޮނުގަނޑު މިހާރު ރުޅިއައިސް ކެކި އަރަނީއެވެ. ނަގާ ބޮޑެތި ބާނިތަކުން ލޯންޗު ތަޅުވާލައެވެ. ކުއްލިއަކަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. ވާރޭ ވެސް އަހަރެމެންނާ ހަނގުރާމަކުރާ ފަދައެވެ. 

      އަންހެންވެރިންނާއި ކުޑަކުދިންގެ ރޯ އަޑުން ލޯންޗު ގުގުމާލިއެވެ. އަހަންނަށް ވެސް ހުރެވުނީ ފެންކަޅި ވެފައެވެ. ހިތުގައިވީ ނުތަނަވަސްކަން ވީ އިތުރެވެ. މޫސުން ވެސް ދިޔައީ ގޯސްވަމުންނެވެ. އިސާހިތަކު ބޮޑު ރާޅެއްނަގާ ލޯންޗުގެ ބިއްލޫރިގަނޑު ތަޅާލައި ލޯންޗުތެރެއަށް ލޮނުގަނޑު ވަދެގަތެވެ. ދެވަނަ ރާޅާ އެކު ލޯންޗު ބަންޑުންޖެހިއެވެ. އަހަރެން ބެލީ ލޯންޗުން ނިކުމެވޭތޯއެވެ. ފެންމައްޗަށް އެރި އިރު ބައްޕަ ކޯސްޓުގާޑަށް ގުޅައިފިއެވެ. 

      ކޯސްޓުގާޑުގެ އެހީގައި އަހަންނާއި މަންމައާއި ބައްޕަ އަދި ބޮޑަށް ހުންނަ ކޮއްކޮ ސަލާމަތްވިއެވެ. އަހަރެންގެ 7 އަހަރުގެ ކުޑަ ކޮއްކޮ ގެއްލުނެވެ. އަހަރެމެން ރަށަށް ގެންގޮސް ކޯސްޓުގާޑާއި ރަށުގެ އެކިއެކި ދޯނިފަހަރު ނިކުތީ އެ މައުސޫމް ފުރާނަ ސަލާމަތް ކުރެވޭތޯއެވެ. މަންމަގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓުކުރިއެވެ. އަހަރެމެން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ﷲ އަށް ޝުކުރުކުރީމެވެ. 

      އަހަރެންގެ ކޮއްކޮ ފެނޭތޯ ފުލުހުން ހުއްޓުމެއްނެތި ކުރަމުން ދިޔަ މަސައްކަތުން ކޮއްކޮގެ ފުރާނަނެތް މަސްގަނޑު ފެނުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. ވަރަށް ރުއީމެވެ. އަހަރެންނަށް 12 އަހަރު ކަމުގައި ވީނަމަވެސްމެވެ. 

      އަހަންނަށް މާޒީގެ ޞަފްޙާތަކުން ނިކުމެވުނީ ލޯންޗަށް އަނެއް ރާޅު ޖެހުމުންނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލައި އަހަރެން ދަތުރު ދުޢާ ކީމެވެ. 

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!