ރަށަކީ ވަރަށް ކެޔޮ ހައްދާ ރަށެކެވެ. ދަނޑުގައި އަދި ގޯތިތެރޭގައި ކެޔޮ ހެއްދުމަކީ ރަށު މީހުންގެ އާދައެކެވެ. އަހަރެމެން ގޭގައި ވެސް ކެޔޮ ފީންޏެއް އޮވެއެވެ.
އެއްދުވަހަކު ހަވީރު މަންމަ އަހަރެންނާއި އަހަރެންގެ ބޭބެ ގާތު ކެޔޮ ގަނޑެއް ކަނޑައިދޭން ބުންޏެވެ. އިރު އޮއްސުމުގެ ކުރިން ކެޔޮގަނޑު ކެނޑޭތޯ އަވަސްއަވަހަށް ކެޔޮފީނިދޮށަށް ދިޔައިމެވެ. މާ ގިނަ ގަސް ނެތުމުން ފަސޭހަކަމާ އެކު ކެޔޮގަނޑު އައިސް އިން ގަސް ފެނިއްޖެއެވެ. ކެޔޮގަނޑު ކަނޑާނެ ގޮތަކާމެދު ވިސްނައިލީމާ އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ބޭބެ ކެޔޮގަނޑުގައި ހިފެހެއްޓުމުން އަހަރެން އެ ގަސް ކަނޑާލުމުގެ ޚިޔާލެވެ.
ބޭބެ ކެޔޮ ގަނޑުގައި ހިފަހައްޓާފައި ގަސް ކެނޑުމަށް އިޝާރާތްކުރިއެވެ. އަހަންނާ ޖެހުނީއެވެ. ކަތިވަޅި އަތަށް ހެޔޮކޮށްލުމަށް ފަހު ގަހުގައި ނުހަނު ބާރަށް ޖެހީމެވެ. ގަސް ވެއްޓުނީމާ ކެޔޮގަނޑު ކަނޑާލަން އެ ދިމާއަށް ބަލައިލައިފީމެވެ. ކެޔޮގަނޑު އިން ގަހަށް ކަމެއް ވީ ހެން ވެސް ހިޔެއްނުވިއެވެ. އަހަރެންގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ރަނގަޅަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މި ކެނޑުނީ ނުބައި ގަހެކެވެ. ދެން ކުރެވޭނެ ކަމެއް ވެސް ނޯންނާނެތާއެވެ. އަދި އިތުރަށް ކަންބޮޑުވީ އެ ގަހުން ބޯށިނުކުމެފައިވާތީއެވެ. ކެޔޮގަނޑު ލިބޭވަރު ނުވަނީސް ގަހުގެ ބޭނުންކެނޑުނީމައެވެ. ދެން އެކަމަކު ކުރާނެކަމެއް ނެތެވެ. ވީކަމެއް ވީއެވެ. ކެޔޮގަނޑު އިން ގަސް ވެސް ކަނޑައި ކެޔޮގަނޑު ހިފައިގެން ގޭތެރެއަށް ދާން ހިނގައިދަތީމެވެ. މަންމައަށް ފެންނައިރަށް ވާނެގޮތަކާ މެދު ވިސްނާލަމުންނެވެ.