EN

އިޖުތިމާއީ ގުޅުން ހަރުދަނާކުރާނީ ކިހިނެއް؟

ދިވެހި އަދަބީ ފޯވަހި 2023-2024 | މަޒުމޫންލިޔުން (ކީސްޓޭޖް 3) – 1 ވަނަ، ނަބްހާން ނިޒާމް(އެޑިޓުކޮށްފައި)

      

      މުޖުތަމައުގެ މީހުންގެ މެދުގައި އޮންނަ އެކުވެރިކަމަކީ ކޮބާ؟ އެއީ އިޖުތިމާއީ ގުޅުމެވެ. އިޖުތިމާއީ ގުޅުމަކީ ކުރީއްސުރެ މިހާރާ ހަމައަށް ދިވެހީންގެ އާދަކާދަތަކުގެ ތެރޭގައި އޮންނަ ކަމެކެވެ. ރާއްޖެއަކީ އެގޮތަށް ފާހަގަކުރެވޭ ޤައުމެކެވެ. ނަމަވެސް، މިހާރު އެ އާދަ ދަނީ ނެތެމުންނެވެ. މިހާރު މަގުމަތިންދާ މީހަކަށް ހިނިތުންވެލުން ވެސް ވަނީ ބޮޑުކަމަކަށް ވެފައެވެ. މަގުމަތިން ދާ މީހުންނާ ޒުވާބުކުރުމާއި، މާރާމާރީ ފަދަ ކަންކަން ހިންގުމަކީ މިހާރު އެންމެންގެ ހާލަތެވެ. މުޅި ދުނިޔޭގެ ހާލަތެވެ. އެހެންކަމުން މި ކަން ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟

      އިޖުތިމާއީ ގުޅުން ހަރުދަނާކުރުމަށް ޓަކައި ކުރެވިދާނެ އެއް ކަމަކީ މީހުން ހޭލުންތެރިކުރުވާ ޕްރޮގްރާމްތައް ބޭއްވުމެވެ. އެކަހަލަ ޕްރޮގްރާމްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ޕްރޮގްރާމްތައް ބޭއްވުމުން ވަރަށް ގިނަ ބައެއްގެ އުޅުން ބަދަލުވެއެވެ. އޭގެ ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، ހަދިޔާ ދިނުމާއި، ކަމެއް ގޯސްވުމުން މާފުދިނުމާއި، އެކުވެރިކަން ބަދަހިވުމާއި، އަދި އެތައް ބައިވަރު ބަދަލުތަކެއް އާދެއެވެ. އެހެންކަމުން ގިނަގިނައިން މިކަހަލަ ޕްރޮގްރާމް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. 

      އިޖުތިމާއީ ގުޅުން ހަރުދަނާކުރަން ކުރެވިދާނެ އަނެއް ކަމަކީ ކުޅިވަރުތައް ކުޅުމެވެ. މިގޮތުން ސަގާފީ ކުޅިވަރާއި އެހެނިހެން ކުޅިވަރު ވެސް ކުޅެވިދާނެއެވެ. ސަގާފީ ކުޅިވަރުތަކުގެ ފުޓުބޯޅަ، ވޮލީ ފަދަ ޒަމާނީ ކުޅިވަރުގެ މެޗުތައް ބޭއްވޭނެއެވެ. މިއަކީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެހެނީ އޭރުން ގިނަ މީހުންނާ ބައްދަލުވާނެއެވެ. އެކުވެރިކަން ބަދަހިވުމާއި، އިޙްތިރާމްކުރުންފަދަ އާދަތައް ދިރޭނެއެވެ. އެހެންކަމުން މިކަހަލަ ކަންކަން ކުރުމުން އިޖުތިމާއީ ގުޅުން ހަރުދަނާވާނެއެވެ. 

      މަސައްކަތްތެރިކަމުގެ ދުވަސް ކަހަލަ ދުވަސްތައް ބޭއްވުމަކީ ވެސް އިޖުތިމާއީ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަމެކެވެ. މިއީ އެންމެން އެއްބައިވެގެން ވަރަށް އަވަދިނެތި ކުރަމުން ދިޔަ ކަމެކެވެ. ނަމަވެސް މިހާރު އެ ކަން ދަނީ ނެތެމުންނެވެ. ކަން މިހެން އޮތަސް، މުޅި މުޖުތަމައު އެއްބައިވެގެން މިކަހަލަ ކަންކަން ކުރުމަކީ އިޖުތިމާއީ ގުޅުން ދެމެހެއްޓިގެންދާނެގޮތެކެވެ. އެހެންކަމުން މިހަލަ ދުވަސްތައް ގިނައިން ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.  

      އެހެންވީމާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ކުޅިވަރާއި، މަސައްކަތް ދުވަސްތައް ބޭއްވުންފަދަ ކަންކަން ބޭއްވުމުން އިޖުތިމާއީ ގުޅުން ހަރުދަނާވާނެއެވެ. މި ކަންކަން ކުރެވޭނީ އެންމެން އެކުގައެވެ. އެންމެން އަތުގުޅައިގެންނެވެ. އެކުވެރިކަން ބަދަހިކޮށްގެންނެވެ. އެކަކު އަނެކަކަށް އިހުތިރާމުކޮށްގެންނެވެ. އެ މީހެއްގެ ޒިންމާ އެ މީހަކު އަދާކޮށްގެންނެވެ. އޭރުން އިޖުތިމާއީ ގުޅުން ހަރުދަނާވާނެއެވެ. 

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!