EN

ސެންޓުފުޅި

 މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. އެހެންކަމުން މިރޭ ވަރަށް ޚާއްޞަ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވެއެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނެވެ.  ޖަލްސާއަށް ދާން ތައްޔާރުވުމުގެ ގޮތުން އަޅުގަނޑު ބާޒާރަށް ދިޔައީމެވެ. ބާޒާރަށް ގޮސް ގަމީހަކާއި ފަޓުލޫނެއް ގަނެ އެއާ ގުޅޭ ޓައީއެއް ވެސް ގަތީމެވެ. ބާޒާރުކޮށް ނިންމައިފައި އަޅުގަނޑު އައީ ގެއަށެވެ.

          އަޅުގަނޑު ގެއަށް އައިއިރު މެންދުރުގެ ކެއުން ވަނީ ތައްޔާރުކޮށްފައެވެ. އޭރު އަޅުގަނޑުގެ ބަނޑުން އަޑުކިޔާލަކިޔާލާ ހުއްޓެވެ. އެހެންވެ، ކެއުމަށްޓަކައި އަޅުގަނޑު އަވަސްވެގަތީމެވެ. ކާން އިންދާ ކޮއްކޮ އައިސް އަޅުގަނޑަށް މަލެއް ދިއްކޮށްލިއެވެ. ކޮއްކޮ ދެރަވެދާނެތީވެ، އުލާއި ސަމުސާ ތަށީގެ އެއްކައިރީގައި ބާއްވައި ކޮއްކޮ ދިން މަލުގައި ހިފީމެވެ. އެ މަލުގެ ވަސް ބަލަން ކޮއްކޮ އެދުމުން، އެ މާ އަޅުގަނޑުގެ ނޭފަތާ ގާތްކޮށްލީމެވެ. ނަމަވެސް ރޯގާ ޖެހި ނޭފަތް ބެދިފައިވުމުން، އަޅުގަނޑަކަށް އެ މަލުގެ ވަހެއް ނޭނގުނެވެ. ކޮއްކޮ ދެރަވެދާނެތީވެ، އެ މަލުގައި ވަރަށް މީރުވަހެއް ދުވާ ވާހަކަ ކޮއްކޮ ގާތުގައި ބުނެ ކޮއްކޮ ހައްދައިލައިފައި ކެއުމައިގެން ކުރިޔަށްދިއައީމެވެ.

          ކެއުމުން އަވަދިވުމުން، އަޅުގަނޑު ގަސްތުކޮށްލީ ނިދާލާށެވެ. ކޮޓަރިއަށް ވަދެ، ގަމީސް ބޭލުމަށް ފަހު ހަމަޖެހިލައިގެން އޮށޯވެ ހަށިގަނޑު ދަމާލީމެވެ. ހަމަ އޮށޯތުމާއެކު އެއޮއް އައި ގަދަ ނިންޖާ ހެދި ހިތް އެދުނީ ހަމަ ގަދައަށް ނިދާލާށެވެ.

          ”ހުސޭނާ… ހުސޭނާ….. ހުސޭނާ…………“ އަޅުގަނޑަށް ހޭލެވުނީ މާމަ އަޅުގަނޑަށް ގޮވާ އަޑުއިވުމުންނެވެ. އަވަހަށް މާމައަށް ޖަވާބު ދިނީމެވެ. ”އޯތް މާމާ“. އާޅުގަނޑު ދެން ނަޒަރު ހިންގާލީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. އެ ގަޑިން ރޭގަނޑު އަށެއް ޖަހައި ބޮޑުވީއެވެ. 8:30 ގައި ޖަލްސާ ފެށޭނެއެވެ. ކަރަންޓުޖެހުނީމައި ވާގޮތަށް މުޅި މީހާއަށް ތެޅިގަނެވުނެވެ. އަޅުގަނޑު އަވަސްވެގަތީ ފެންވަރާށެވެ. ކުއްލިޔަކަށް ހަނދާންވީ އަޅުގަނޑުގެ ސެންޓުފުޅި ހުސްވެފައިވާކަމެވެ. އެހެނަސް ދެން ސެންޓުފުޅިއެއް ގަންނަން ދާކަށް ވަގުތެއް ނެތެވެ. އެހެންވެ، މާމަ ގާތުގައި ސެންޓުފުޅިއެއް ގަނެދޭށޭމެވެ. ފައިސާ ދިނުމުން ފިހާރައަށް ދާން މާމަ ހިނގައިގަތެވެ.

          ފެންވަރައި އަވަސްއަރުވައިލައިގެން ތައްޔާރުވެ ނިމެން ގާތްވިތަނާހެން، މާމަ އައިސް ގެއަށްވަދެ އަޅުގަނޑާ ވާހަކަދެއްކިއެވެ. ”ދަރިފުޅުގެ ސެނޓުފުޅ ވާނެ މާމަގެ ކޮޓަރީގައި ހުރި މޭޒުމަތީގައި“ އަޅުގަނޑަށް ތައްޔާރުވެވުމުން މާމަގެ ކޮޓަރިއަށް ވަނީމެވެ. އެތާގައި ހުރި ސުވިޗަކުން ބޮކި ދިއްލީމެވެ. ދިއްލުނީ ނިދާބޮތްކެވެ. އެކަމަކު އަވަސް ކުރަންވެގެން ހުދުބޮކި ނުދިއްލާ ސެންޓުފުޅި ނަގަން އަވަސްވެގަތީމެވެ. ކޮޓަރީގެ އަލި ފަނޑުކަމުން މާ ބޮޑަކަށް އެތާގައި ހުރި ތަކެއްޗެއް ނުފެނުނެވެ. ނަމަވެސް ވަރަށް ފަސޭހައިން މޭޒުމަތިން ފުޅިއެއްގައި އަތްޖެހުނެވެ. ”އަނނ.. މި ވާނީ އެ ސެންޓުފުޅިއަށް.. މި ތަން އަނދިރިކަމުން ވެސް މީތި ހޯދަން އެހައި އިރު ނަގާ ވިއްޔަ….“ ގަޑިޖެހެން ގާތްވެފައި ވާތީވެ، ގަޔަށް ސެންޓުޖަހައި ނުކުމެ ސައިކަލަށް އަރައި ޖަލްސާއަށް ދާން ނައްޓައިލީމެވެ.

      އަޅުގަނޑު ޖަލްސާއަށް ހާޒިރުވުމުން އަޅުގަނޑުގެ ކައިރީގައި ތިބި މީހުން އަޅުގަނޑާ ދިމާއަށް ބަލަންފެށިއެވެ. އެ މީހުން އެ ގޮތަށް ބަލާތީވެ، ހިތާހިތުން އަޅުގަނޑަށް ބުނެވުނެވެ. ”ކީއްވެބާ އެންމެން އެ ބަލަނީ… ގައިމު ގަޑިއެއް ވެސް ނުޖެހޭ އަދި…“ އެ މީހުން އަޅުގަނޑާ ދިމާއަށް ބަލާތީވެ، އަޅުގަނޑު ވަރަށް ލަދުގަތެވެ. އަދި އިތުރަށް ލަދުގަތީ، އެތާގައި ތިބި އިސް މީހުން ވެސް ބަލަބަލާފައި ހޭތީއެވެ. އެ ތަނުން ފިލާނީއޭ ވެސް ހިތަށްއެރިއެވެ. އެކަމަކު އެ ކަން މާ ބޮޑު ކަމަކަށް ނުހަދައި އެތާގައި ރީއްޗަށް އިނީމެވެ.

      ޖަލްސާ ނިމުމުން ގެއަށް އައިސް މާމަގެ ކޮޓަރީގެ މޭޒުމަތީގައި އޮތް ސެންޓުފުޅި ނަގަން، އެ ކޮޓަރިއަށް ވަދެވުނު އިރު މާމަ އޮތީ ނިދައިފައެވެ. އެހެންވެ ހުދު ބޮކި ދިއްލާކަށް ނުކެރުނެވެ. މޭޒު މަތިން އެއްކަލަ ސެންޓުފުޅި އަތުޖެހުނީ ވަރަށް ހާލުންނެވެ. ސެނޓުފުޅި ނެގައި އެ ހިފައިގެން ގޮސް، އަޅުގަނޑުގެ ކޮޓަރިއަށް ވަދެ ބޮކި ދިއްލާލީމެވެ. ”އަސްތާ…. މީ ކޯއްޗެއް…“ އަޅުގަނޑުގެ އަތުގައި އޮތީ ”ސެލްޓެކްސް“ ފުޅިއެކެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު މާމަގެ ކޮޓަރިއަށް ވަދެ ރަނގަޅަށް ބަލައިލިއިރު، އެތާ ތަންކޮޅެއް ބިތްދޮށުގައި ކޮތަޅަކަށް ލައިފައި ސެންޓުފުޅިއެއް އޮތެވެ.

(ނިމުނީ)

~މުޙައްމަދު ވިޝާޙް ، ހދ.ވައިކަރަދޫ~

ހިއްސާކުރައްވާ
Share on facebook
Share on telegram
Share on email
Share on print

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު