މިސްކިތުން އިވުނު ގޮތް ނޭނގުނު އަޑު

މިއީ އަހަރެން ކުޅުދުއްފުށްޓަށް ބަދަލުވިތާ ކައިރިއެވެ. ފަތިސްނަމާދަށް މިސްކިތަށް ދިޔަ ތަނާ ހިނގި ހާދިސާއެކެވެ. ހަނދާން ހުރި މިންވަރަށް މި ހާދިސާ ހިއްސާކޮށްލެވޭތޯ ބަލާނަމެވެ.

އަހަރެން ފޯނު ނަގައި ފޯނާ ކުޅެލަން އޮތީމެވެ. ދެން ނިދަންވީތާއެވެ. މާ ލަސްވާންދެން ފޯނާ ކުޅެން އޮވެއްޖެއްޔާ ފަތިސްނަމާދަށް ދާން ނުހޭލެވިދާނެއެވެ. އެ ކަމާ ވެސް ކަމެއް ކުރަންޖެހޭނެތާއެވެ. އިރުކޮޅަކު ފޯނާ ކުޅެލައިފައި ކައިރީގައި ފޯނު ބާއްވައި ނިދޭތޯ އުޅުނީމެވެ.

ހޭލެވިއްޖެއެވެ. ނަމާދަށް ދާން ތައްޔާރުވެ ނޫރު މިސްކިތަށް ދާން ހިނގައިގަތީމެވެ. ފޯނު ބަލައިލިއިރު ގަޑިޖެހެނީއެވެ. އެހެންވެ އަވަސްއަވަސްކޮށްލައިގެން އަވަހަށް މިސްކިތަށް ދާން ހިނގައިގަތީމެވެ.

މިސްކިތަށް އާދެވުމުން ސުންނަތް ނަމާދުކުރީމެވެ. އެއަށް ފަހު ގަމަތްދޭންދެން ހަމެޖެހިލައިފައި އިނީމެވެ. އެހެން އިންދައި ކުއްލިޔަކަށް އަޑެއް އިވެން ފަށައިފިއެވެ. ކޮން އަޑެއް ބާއެވެ. މީހުންތައް އެކަކުއަނެކެއްގެ މޫނު ބަލަން ފަށައިފިއެވެ. އަހަރެން ވެސް ބަލަން ފަށައިފީމެވެ. އަހަންނާ ދިމާއަށް ވެސް މީހުން ވަރަށް ބެއްޔެވެ. މިއީ ފަހެ ކޮން އަޑެއް ބާއެވެ. އެހައި ބާރު އަޑެއް ވެސް ނޫނެވެ. އެހައި މަޑު އަޑެއް ވެސް ނޫނެވެ. ސައިރެނެއް ބާއެވެ. ނޫނެކެވެ. ގަމަތްދޭއަޑު ޖެހުމުން އިވޭ ރިންގު ކަންނޭނގެއެވެ. އެކަމަކު އިމާމު މީހާ ގަމަތެއް ނުދެއެވެ. އެހެންވެ ކުޑަކޮށް ހާސްވެއްޖެއެވެ. ފާޑަކަށް ބިރު ވެސް ގަނެއްޖެއެވެ. މިހެން އިންދާ އަޑު ކެނޑިއްޖެއެވެ. ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ގަމަތްދޭ ވަގުތުޖެހުމުން މިސްކިތުގައި ހުންނަ ގަޑިން ރިންގުވެއްޖެއެވެ. އެހެންވީމާ ކުރިން އެ އިވުނީ އަދި އެހެން އަޑެއްތާއެވެ. އެއީ ފަހެ ކޮން އަޑެއް ބާއެވެ؟

ނަމާދަށް ސަފުހެދުމުން ނަމާދުކުރަން ފަށައިފިއެވެ. އިރުކޮޅަކުން އެ އިވެންފެށީ އެއްކަލަ އަޑެވެ. މެދުކެނޑުމެއް ނެތި އިވެންފަށައިފިއެވެ. މާ ބޮޑު ކަމަކަށް ނުހަދައި ނަމާދުކޮށްލައިފީމެވެ. އެކަމަކު އަދިވެސް ހިތްނުތަނަވަސްވެފައި ސުވާލުތަކެއްގެ ސާލެއް ލައިގެން އިނީމެވެ. ޒިކުރުކޮށްފައި މިސްކިތުން ފައިބައި ގެއަށް ދާން ހިނގައިގަތީމެވެ.

މާ ގިނަ އިރުތަކެއް ނުވެ ގެއަށް އާދެވިއްޖެއެވެ. ފޯނާ ކުޅެލަން ފޯނު ހުޅުވައިލައިފީމެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ…. މިއޮތީ އެއްކަލަ އަޑުގެ ސިއްރެވެ. އޭގެ ޙަޤީޤަތެވެ. ސުވާލުތަކުގެ ޖަވާބެވެ. އެއީ…. އަހަރެން ބަރިޔަކަށް ސެޓުކުރި އެލާމުތަކެވެ. ފަހަރަކު އެލާމެއް އެ ރިންގުވީ މިސްކިތުގައި އިންދައެވެ. އަހަރެންނަށް މި އިނދެވުނީ އަހަރެންގެ ފޯނުކަމެއް ވެސް ނޭނގިއެވެ. މީހުން އެ ބެލީ އެހެންވެތާއެވެ.

= މުޙައްމަދު ވިޝާޙް، ހދ.ވައިކަރަދޫ =

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު