ކުރުވާހަކަ: ޢީޝަލް

އެއީ 1443 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މީލާދީ ގޮތުން އެއީ 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހެވެ. ޙައްޖުގެ އަޅުކަމުގައި ވަޤުތު ހޭދަކުރަމުންދިޔަ މުސްލިމު އަޚުންނާއި އުޚުތުންގެ މަންޒަރުތައް ޓީވީތަކުން ފެންނަމުންދިޔައެވެ. ތަކުބީރުގެ އަޑުން މުޅި ދުނިޔެ ހީވަނީ ގުގުމާލާހެންނެވެ. އަހަރެންގެ މަންމަ ވެސް ޖޯލިފަތީގައި ރޭޑިއޯ ހިފައިގެން ތަކުބީރު އަޑުއަހަން އިން މަންޒަރު އަހަރެން ދުށީމެވެ. އޭރު ގަޑިން މެންދުރުފަހު ދޭއް ޖަހަނީއެވެ. އުޑުމަތި ސާފު، އަވިގަދަ ދުވަހެކެވެ. ފިނި ރޯޅިއެއްގެ ހިލަމެއް ނެތް ޙާލު، އަހަރެން ހިނގައިގަތީ ރަށުގެ އިރުމަތިފަރާތު ގޮނޑުދޮށާ ދިމާލަށެވެ. އެއީ އާންމުގޮތެއްގައި އަހަރެން ފޫހިފިލުވަން ގޮސް އުޅޭ ’އައްޑާ‘ އެވެ.

ގޯތި އެންމެން ޙައްޖު ދުވަހުގެ މަތިވެރި ސަވާބާ ދަރުމައަށް އެދި ރޯދައަށް ހުރުމުން، ގޭގައި ކާކަށް ނަހަދައެވެ. ބަނޑުހައިވެގެން ކާނެއެއްޗެއް ގެނައުމަށް އަހަރެންގެ އެކުވެރި ހަމީދަށް ގުޅާލީމެވެ. ”ކީކޭ ބްރޯ!“ ހަމީދު ޖަވާބު ދިންގޮތުން އޭނާ ނިދާހޭލީ ހަމަ ދެންމެކަން އެނގެއެވެ. ކާނޭ ބިސްކޯދު ބޮނޑިއަކާއި، ދެ އެކްސެލް ދަޅު ގަނެގެން އަހަރެން ހުރި ތަނަށް އައުމަށް ބުނީމެވެ. އިސާހިތަކު ހަމީދު އެ ތަނަށް އަތުވެއްޖެއެވެ. އެކްސެލް ދެ ދަޅުގެ އިތުރުން ވަށައިގެން ކަރުދާސް އޮޅާފައި ހުރި ފުޅިއެއް ވެސް އޭނާއަތުގައި އޮތެވެ. އަހަރެން ހީލާފައި ގޮސް ހަމީދުއަތުން އެ ފުޅި އަތުލީމެވެ. މީހެއްގެ ހިލަމެއް ނެތް އެ ސަރަހައްދަކީ، އާންމުކޮށް އަހަރެމެން ރައްޓެހިންނާ އެކު މަސްތުވާން އަންނަ ތަނެއްކަން، ރަށުގެ ގިނަ ބަޔަކު ދަނެއެވެ. އެކަމަކު، އެކަމަށް އަހަރެމެން އެއްވެސް މީހަކު ފަރުވާލެއް ނެތެވެ.

ޢީދު ދުވަހުގެ ތަކުބީރުގެ އަޑަށް އަހަރެންގެ ލޯ ހުޅުވެން ފެށިއެވެ. ކާޅާއި ހާ ގޮވާއަޑުން، އަހަރެންގެ ކަންފަތައް ހީވީ ބާރުބާރަށް ގުގުރިޖަހާހެނެވެ. އަހަރެންނަށް މިހުރެވެނީ ކޮންތާކު ކަމެއް ވެސް ނޭނގުނެވެ. ހަމީދުގެ ހިލަމެއް ނެތެވެ. ލައިގެން ހުރި އަންނައުނު އޮތީ ވީދިފައެވެ. އެރޭ ކަންވީގޮތުގެ ހަމަ އެއްވެސް ހަނދާނެއް އަހަރެންގެ ނެތެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއަޑަށް އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައިހެނެވެ. ފޯނު ބަލާލީމެވެ. އެއީ އަހަރެންގެ ދައްތައެވެ. ކުރިއަށް 20 މިސްކޯލު އޮތެވެ. ޖަވާބު ދިނީމެވެ. ”ކޮންތާކު ކަލޭ ތިއުޅެނީ އައިން؟؟؟ އަހަރެމެން ހާދަ ވަރަކަށް ގުޅައިފީމޭ!! ކަލޭއަކަށް ނޭނގޭ ދޯ ތި އުޅެވޭ ވައްތަރު ވެސް.. ކަލޭގެ ރައްޓެހިގެން ވިހަ ބަސްތަކުގެ އަވައިގަ ޖެހިގެން ގޮސް ދުނިޔެއަޅާ ދާއިރު ވެސް ކަލެއަކަށް އިހުސާސެއް ނުކުރެވޭނެ“ ދައްތަގެ ވާހަކައިން ހުރީ ރުޅިގަދަވެ ހިތްފަޅައިގެން ގޮސްފައިކަން ސާފެވެ. އަހަރެންގެ އަނގައިން ބަހެއް ބޭރުނުވަނީސް ދައްތަ ބުނި ޖުމްލައަކުން ހީވީ މުޅި ހަށިގަނޑަށް ހޫނުފެން އެއްޗެއް އޮއްސާލިހެނެވެ. މީހާ ގަނޑުވިއެވެ. ބުނާނެބަހެއް ނޭނގި ހުއްޓާ ދައްތަ ފޯނުކަނޑާލިއެވެ.

ބޯ ބިޔަ ވާގަނޑުގެ ތެރެއިން ދުވަމުން އަހަރެން ރަށުތެރެއަށް ނުކުތީމެވެ. މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ޢީދު ނަމާދު ވަގުތުކަމުން އެންމެންހެން ވީ ބޮޑު ޖަމާޢަތައް ގޮހެވެ. ލައިގެން ހުރި ބާ ހެދުމުގައި އަހަރެން ދުވީ ހޮސްޕިޓަލާ ދިމާލަށެވެ. މުސްލިމުންނަށް ޢީދަކަށް ވިޔަސް، އަހަރެންނަށް އެ ދުވަސް ވެގެން ދިޔައީ ހަޔާތުގެ އެންމެ ކަޅު އަނދިރި ދުވަހަށެވެ. ހޮސްޕިޓަލު ދޮރޯށިން ވަން އިރު، ދައްތަގައިގާ ބައްދާލައިގެން މަންމަ ރޯން އިން މަންޒަރުން އަހަރެންގެ ހިތަށް ހީވީ މީހަކު އެރިހެނެވެ. ޝޮކެއްގައި ހުރި އަހަރެން، މަޑުމަޑުން ހޮސްޕިޓަލު ވާޑުގައި ބާއްވާފައި އޮތް ކުއްޖާއާ ދިމާލަށް ހިނގައިގަތީމެވެ. ނޭފަތަށް ކަފަލައްވާފައި އޮތް ތުއްތުތުއްތު ޢީޝަލްގެ ފުރާނަ ނެތް ހަށިގަނޑު ފެނުމާ އެކު އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އެއީ އަހަރެން އަމިއްލަ ދަރިއެއް ފަދައިން ލޯބިވާ، އަހަރެންގެ އެއްބަނޑު 12 އަހަރުގެ ކޮއްކޮއެވެ.

އަހަރެންނާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކާނެ އާއިލާގެ އެކަކުވެސް ނެތެވެ. އަހަރެންދެކެ އެންމެ ލޯބިވާ މަންމައަށް ވެސް، އަހަރެންނާ އަނގައިން ބުނެލާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ދައްތަގެ ފުނޑުވެފައިވާ އަޑުން އަހަރެންނާ ދިމާލަށް ބުންޏެވެ. “ ވަޖީހު، ކަލޭ މި ތަނުން ދާންއުޅޭ… ތި އުޅުނު ތާކަށް ދާންއުޅޭ!.. ”

ޢީޝަލްއަކީ އުފެދުމުގައި ވެސް ހިތުގެ މައްސަލައެއް ހުންނަ ކުއްޖެކެވެ. ޑޮކްޓަރުން ލަފާދީފައި އޮންނަނީ ޢީޝަލް މާބޮޑަށް ދެރަވާ ފަދަ ކަންކަން ނުކުރުމަށެވެ. ވިސްނާ ފިކުރު ބޮޑުކުރާނޭ ކަންކަމާ ދުރުކުރުމަށެވެ. އެފަދަ މާޙައުލެއްގައި އޭނާ ނުގެންގުޅުމަށެވެ. އެހެނަސް، އަހަރެންގެ އުޅުމާ މެދު ޢީޝަލް އަބަދުވެސް ވިސްނާކަމަށް، މަންމަ އަހަރެންނަށް ނަޞޭހަތް ދޭނެއެވެ. އަހަރެންގެ މި ގޯސް އުޅުން ދޫކޮށްލާނެ ދުވަހަކަށް އެ ކޮއްކޮ އިންތިޒާރު ކުރާވާހަކަ އެއީ އަހަރެންނަށް އެނގޭ ކަމެކެވެ. ކޮއްކޮ ދެކެ ކިތަންމެ ލޯބިވިއަސް، ދުނިޔެ ދެކެ އަހަރެން ވީ ލޯބި ބޮޑުވީއެވެ. ނުސީދާގޮތުން ވެސް، ކޮއްކޮ ދުނިޔެދޫކޮށް އެ ދިޔައީ އަހަރެންގެ ސަބަބުން ކަން އަހަރެންނަށް ޤަބޫލުކުރެވުނެވެ. އަހަރެންގެ އަމިއްލަ ނަފްސުދެކެ އިންތިހާއަށް ރުޅިއައެވެ. ކުށްވެރިކުރީމެވެ. ރައްޓެހިންނާ އެކު މަޖަލާ ސަކަރާތުގައި މަސްތުން ފުރިގެން ހުއްޓައި، އަހަރެންގެ ޖަވާހިރެއް ފަދަ ކޮއްކޮ ދުނިޔެދޫކޮށް ދިޔައިރު ވެސް ނޭނގުނެވެ. މަރަކީ އެކަހަލަ އެއްޗެކެވެ. އިންސާނާއާ އެންމެ ގާތުގައި ވަނީ މަރެވެ. ދުނިޔޭގެ ހަޔާތުގެ ހުޅުކޮޅާކީ، ސިކުންތެއް ތެރޭގައި ނިވިދާނެ އެއްޗެކެވެ.

ޢީދު ނަމާދަށް ފަހު ރަށުގެ ހުރިހާ އެންމެން ވެސް ދިޔައީ ހޮސްޕިޓަލަށެވެ. ޢީޝަލްގެ މަރުގެ ޚަބަރު ލިބުމުންނެވެ. ކަށުނަމާދު އޮތީ މެންދުރު ނަމާދު ފަހުގައިކަން ރަށު އޮފީހުގެ ލޯޑުން ގޮވާއަޑު އިވެއެވެ. އަހަރެން އިނީ އަހަރެންގެ ’އައްޑާ’ގައެވެ. އާއިލާގެ އެކަކާވެސް ކުރިމަތިލާކަށް އަހަރެންނަކަށް ދެން ދުވަހަކު ވެސް ނުކެރޭނޭ ހިތަށްއެރިއެވެ.

ކޮއްކޮގެ ކުޑަ ޙަޔާތް ނިމި އެ ދިޔައީ އަހަރެންނަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. ކިތަންމެ ބައްޔަސް، ކިތަންމެ ކުޑަޔަސް، މަންމައާ އެކު ހުރިހާ ނަމާދުތަކެއް ކުރާނެއެވެ. ނަމާދުކޮށް ދީނީ ކަންކަމަށް ފަރުވާބެހެއްޓުމަށް، އަހަރެންނަށް ވެސް އެ ކޮއްކޮ ނަސޭޙަތްތެރިވާނެއެވެ. ކޮއްކޮއެއް ކަމަކު، އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސްމެއެވެ. ދިން ނަސޭހަތަށް ސަމާލުކަން ނުދިނަސް، އެ ކޮއްކޮ ދެކެ އަހަރެން ފުރާނަފަދައިން ލޯބިވީމެވެ. ކިރިޔާ ވެސް އަހަރެންގެ ކިބައިން ރަނގަޅު ސިފައެއް ފެނިއްޖެ ނަމަ އެއީ އަހަރެންގެ ކޮއްކޮގެ ފުށުން ކޮއްފައިވާ އަސަރެކެވެ. އެހާ ވެސް ހިތްހެޔޮވާނެއެވެ.

ދުނިޔެއަކީ ހިނދުކޮޅެކެވެ. މަރު ތިބާއާ ކޮންމެ ހިނދަކު ވެސް ބައްދަލުވާނެކަން އަހަރެންނަށް އިހުސާސްވިއެވެ. ދެން މަރުވާނީ އަހަރެން ނޫން ކަމެއް ވެސް ނޭނގެއެވެ. އެކަމަކު، މިޙާލުގައި އަހަރެން މަރުވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. ބޭނުންވީ، ކޮއްކޮއަށް ޓަކައި ނަމަވެސް، އަހަރެންގެ ހަޔާތް ބަދަލުކުރާށެވެ. މީހާގެ އުޅުން އިޞްލާޙުކުރާށެވެ. އާ އުންމީދަކާ، ހިތްވަރަކާ އެކު، ދާން ނުކެރި ހުރެފައި ވެސް، މަންމަގެ ކުރިމައްޗަށް އަހަރެން ގޮސްފީމެވެ.
”މަންމާ…. އަހަރެންނަށް މަޢާފުކުރޭ.. އަހަރެންނަށް މިކުރެވެނީ ކިހާ ނުބައިކަމެއްކަން މިއަދު ވިސްނިއްޖެ.. އަހަރެންނަށް މަޢާފްކުރޭ މަންމާ.. ދެން ދުވަހަކު ވެސް އަހަރެން އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. ކޮއްކޮއަށް ޓަކައި އަހަރެންގެ ދިރިއުޅުން ބަދަލުކުރަން އަހަރެން ބޭނުން.. “ އަހަރެން އަޑުންއަޑުނަގައި ރޮމުން މަންމަގެ ފައިބުޑަށް ތިރިވީމެވެ.

މަންމަ ވެސް ރޮނީއެވެ. އެހެނަސް، މަންމަ އަހަރެންގެ ކޮނޑުގައި ހިފާ ތެދުކޮށްލުމަށްފަހު ބުންޏެވެ.. “ ދަރިފުޅާ.. މަންމަ ދަރިފުޅަށް މަޢާފްކޮށްފީމު. ދަރިފުޅު ތި ބުނިހެން ކަންކުރަން ހިތްވަރުކޮށްފިނަމަ، އެކަން އިރާދަފުޅާ އެކު ވާނެ. ﷲ އީ އެންމެ އޯގާ ވަންތައް ރަސްކަލާންގެ. ތަޢުބާގެ ދޮރުކޮޅު، އެކަލާނގެ ހާޟުރަތުގައި އަބަދުވެސް ވަނީ ހުޅުވިފައި. ދަރިފުޅަށް ހެޔޮމަގު ދައްކަވާތޯ، މަންމައާ އެކު ޢީޝަލް ވެސް އަބަދު ދުޢާކުރާނެ. ޢީޝަލްއަށް ތި ބަސް އަޑުއިވުނުނަމަ، ވަރަށް އުފާވީސް.. ޢީޝަލްއާއި މަންމަގެ ދުޢާ އިޖާބަކުރައްވާނެ.. އިންޝާﷲ“ މަންމަގެ އެ މޫރިތި ބަސްތަކުން އަހަރެންގެ ހިތް މަޑުމަޑުން ހަމަޖެހެން ފެށިއެވެ. މޫނުމަތިން ހިނިތުންވުން އިހުސާސްކުރެވެން ފެށިއެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ މަންމަގެ ގައިގާ ބައްދައިގަނެވުނެވެ.

އެ ދުވަހަށް ފަހު އަހަރެން ދުވަހަކު ވެސް އެއްކަލަ ’އައްޑާ‘ އަކަށް ނުދަމެވެ. ބަންގީގެ އަޑަށް އަބަދުވެސް މިސްކިތަށް އަރަމެވެ. ދީނީ ދަރުސްތަކާއި، ނަޞޭޙަތުގެ ވީޑިއޯތައް ބެލުމުގައި ވަޤުތު ހޭދަކުރަމެވެ. މަންމައާއި އާއިލާއާ އެކު ވެސް ހީ ސަމާސާކޮށް ހަދަމެވެ. ކޮންމެއަކަސް، ދީނަށް އޮތް ލޯބި އިތުރުވުމާ އެކު، އަހަރެންގެ މުޅި ޙަޔާތް ބަދަލުވިއެވެ. ދުނިޔެއަށް އޮތް ލޯބި، އާޚިރަތް ދެކެ ވާން ފެށިއެވެ. ދިރިއުޅުން ތަނަވަސްވާން ފެށިއެވެ. ރަނގަޅު ވަޒީފާއެއް ވެސް މިއަދު އަހަރެންގެ އެބައޮތެވެ. ކިތަންމެ ހިތާމަވެރިނަމަވެސް، ޢީޝަލް ދުނިޔެ ދޫކޮސް އެ ދިޔައީ އަހަރެންގެ ބަންދުވެފައިވާ މި ލޯ، ރަނގަޅަށް ވެސް ހުޅުވާލަދީފައެވެ. އެއީ އަނދިރިގަނޑަކުން އަލިކަމުގެ ތެރެއަށް ގެނެސްދިން ނިޢުމަތެކެވެ. އަހަރެންގެ މިސްރާބު ހެޔޮ މަގަށް މަގުދައްކައިދިން އެ ކޮއްކޮ، އަބަދުމެ ޖަންނަތުގައި ލަހައްޓަވާށި. އާމީން.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު