ހދ. އަތޮޅު މަދަރުސާގެ 2022-23 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އެ އަހަރުގެ ގްރޭޑް 10އޭގެ ދަރިވަރު ފައިހާ އަބްދުﷲ އަޤީލް ހޮވިއްޖެއެވެ.
މި މަދަރުސާގެ 2022-23 ވަނަ ދިރާސީ އަހަރުގެ އަހަރީ އިނާމު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި، ފައިހާއަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހެމާން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢުމަރެވެ.

ފައިހާއަށް ވަނީ ރައީސުލް ޖުމްޙޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ސްކޫލް އަދި އެހެން ބައެއް ފަރާތަކުން ހުށަހެޅި ގިނަ އިނާމުތަކެއް ލިބިފައެވެ.
ސާނަވީ އިމްތިހާނުން 4 މާއްދާއިން ’އޭ ސްޓަރ‘ އަދި 4 މާއްދާއިން ’އޭ‘ ހޯދައި ޤައުމީ ގަދަ ދިހައެއްގެ 5 ވަނަ ހޯދި އަދި 2022-23 ވަނަ އަހަރުގެ ސްކޫލް ކެޕްޓަންކަން ވެސް ކުރި ފައިހާއަށް ވަނީ ހަޔާ ޑިސްޓިންކްޝަން އެވާޑާއި، ސްކޫލް ޓޮޕް އެޗީވާ އެވޯޑު އަދި ނެޝަނަލް ޓޮޕް އެޗީވާ އެވޯޑުގެ އިތުރުން ވެސް ބައެއް އެވޯޑުތައް އެ ރޭގެ ޖަލްސާގައި ލިބިފައެވެ.

އޭގެ އިތުރުން، 2022-23 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާއެއް ހޯދައި، ފަޚުރުވެރި އެވޯޑުތައް ޙާޞިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 10އޭގެ އީޝާ ޢަބްދުﷲ މުޙައްމަދު އަދި އަޙްމަދު އިޔާދު ހިމެނެއެވެ. އީޝާ ވަނީ 5 މާއްދާއިން ’އޭ ސްޓާރ‘ އަދި 2 މާއްދާއިން ’އޭ‘ ހޯދައި، ޤައުމީ ގަދަ ދިހައެއްގެ 5 ވަނަ ހޯދާފައެވެ. އަދި އިޔާދު ވަނީ 2 މާއްދާއިން ’އޭ ސްޓަރ‘ އަދި 5 މާއްދާއިން ’އޭ‘ ހޯދައި ޤައުމީ ގަދަ ދިހައެއްގެ 8 ވަނަ ހޯދާފައެވެ. މި ދެ ދަރިވަރުންނަށް ވެސް އެ ރޭގެ ޖަލްސާގައި ވަނީ ހަޔާ ޑިސްޓިންކްޝަން އެވޯޑް، ނެޝަނަލް ޓޮޕް އެޗީވާ އެވޯޑް، އަދި ސްކޫލް ޓޯޕް އެޗީވާގެ އިތުރުން ވެސް ބައެއް އެވޯޑުތައް ލިބިފައެވެ.

’ބެސްޓް އޯލް ރައުންޑް ސްކައުޓް‘ ގެ އެވޯޑު 2022-23 ވަނަ އަހަރު ހާޞިލްކޮށްފައި ވަނީ ގްރޭޑް 10އޭގެ ދަރިވަރު ޔޫޝައު ބިން މުޙައްމަދު ޙިލްމީއެވެ.
މި އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވަނީ 2022-23 ވަނަ އަހަރު ގްރޭޑް 9 އަދި 10 ގައި ކިޔެވި ދަރިވަރުންގެ ތެރެއިން، އެކިއެކި އެވޯޑު ހޯދި ދަރިވަރުންނަށް ވެސް އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ.
އޭގެ އިތުރުން، 2022-23 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އިއްވުމާ އެކު، މި މަދަރުސާގެ ދަރިވަރުންގެ ފަރާތުން ތަފާތު ހުށަހެޅުންތަކެއް ވެސް ޖަލްސާގައި ވަނީ ދައްކާލައިފައެވެ.