ތިލަދުންމަތީ ދެވަނަ ފެތުމުގެ މުބާރާތުން ހދ. އަތޮޅު މަދަރުސާއަށް ތާރީޚީ ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
މި މަހު 26 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގައި މި މަދަރުސާއިން ބައިވެރިވި ދަރިވަރުން ވަނީ ގްރޫޕް އަދި ވަކިވަކި އިވެންޓުތަކުން ޖުމްލަ 27 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 14 ރަން މެޑަލް ހިމެނެއެވެ.

ހއ.، ހދ.، އަދި ށ އަތޮޅުގެ ޖުމްލަ 16 ސްކޫލުން ވާދަކުރި މި މުބާރާތުގެ މުޅި މުބާރާތުން ހދ. އަތޮޅު މަދަރުސާއަށް ހަތަރު ވަނަ ލިބިފައިވާއިރު، 15-16 އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން މި ސްކޫލަށް ވަނީ ތިން ވަނަ ލިބިފައެވެ. މިއީ މިހާތަނަށް އަތޮޅު ފެންވަރުގައި ބޭއްވި މިފަދަ ކުޅިވަރުގެ މުބާރާތަކުން މި ސްކޫލަށް މިހާ ފުރިހަމަ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
މި ނަތީޖާ ޚާއްޞަވާ އަނެއް ސަބަބަކީ، މިދިޔަ އަހަރު ބޭއްވި ތިލަދުންމަތީ ފުރަތަމަ ފެތުމުގެ މުބާރާތުން މި މަދަރުސާއަށް މުޅިއަކު ލިބުނީ އެންމެ ލޯ މެޑަލްއަކަށްވުމެވެ. މަދު ދުވަސްކޮޅެއްގެ ތަމްރީނުތަކާ އެކު މި އަހަރު ދަރިވަރުން ވަނީ މުބާރާތުގައި ވަރަށް ވެސް ރަނގަޅު ހިތްވަރާއި ޖޯޝެއް ދައްކާލައިފައެވެ.

މި އަހަރުގެ މުބާރާތުގައި މި ސްކޫލުން 19 ދަރިވަރުން ބައިވެރިވެފައިވާއިރު، 10 ދަރިވަރުންނަށް ވަނީ އެކި އިވެންޓުތަކުން މެޑަލް ލިބިފައެވެ. ޚާއްޞަކޮށް، މި މުބާރާތުގައި އެންމެ ރަނގަޅު ހުނަރެއް ދެއްކި ގްރޭޑް 10ބީގެ ދަރިވަރު ޢަބްދުﷲ ބުން އަޙްމަދު ޝަރީފް ވަނީ 6 އިވެންޓަކުން ފައިނަލަށް ގޮސް، އެ ހުރިހާ އިވެންޓަކުން 1 ވަނަ ހޯދައި، 6 ރަން މެޑަލް ހޯދާފައެވެ. އަދި ޢަބްދުﷲ ވަނީ ބައިވެރިވި އުމުރުފުރާގެ (17-18 އަހަރު، ސީނިއާ ބީ، ފިރިހެން) އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑު ވެސް ހޯދާފައެވެ.

އޭގެ އިތުރުން، 10ބީގެ ދަރިވަރު ނޫރާ މުޙައްމަދު ވެސް ވަނީ ފައިނަލްގައި ވާދަކުރި 4 އިވެންޓުގެ ތެރެއިން 3 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދައި، އުމުރުފުރައިގެ (15-16 އަހަރު، ސީނިއާ އޭ، އަންހެން) އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑު ހޯދާފައެވެ.
މި ސްކޫލްގެ ޓީމުން ފާހަގަކޮށްލެވޭ ރަނގަޅު ޕަފޯމަންސެއް ދެއްކި އެހެން ފެތުންތެރިންގެ ތެރޭގައި، ގްރޭޑް 10އޭގެ އަލްހާން ރަބީޢު އާއި ގްރޭޑް 9ބީގެ ޞާއިމާ އަޙްމަދު، 10ބީގެ ފާޠިމަތު ރަޚާ ހުސައިންގެ އިތުރުން ގްރޭޑް9އޭ ގެ ޚާޝިޢު އަބްދުﷲ ޝަރީފް ވެސް ހިމެނެއެވެ.
ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ޓަކައި ރޭ މި މަދަރުސާގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް މުޙައްމަދު ޙިލްމީ ވަނީ ބައިވެރިން ހޯދި ކާމިޔާބީއަށް ތަހުނިޔާކިޔައި، ފެތުމުގެ ހުނަރު އިތުރަށް ރަނގަޅުކުރުމަށް މިހާރަށް ވުރެން ހިތްވަރާ އެކު މަސައްކަތް ފެށުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް، ޚާއްޞަކޮށް ވައިކަރަދޫ ޕޮލިސް ޕޯސްޓާއި، ވައިކަރަދޫ ކައުންސިލް، ޕީޓީއޭ، އަދި ޓީމުގެ ޖާޒީ ފަރުމާކޮށްދިން ވައިކަރަދޫގެ މަޝްޙޫރު ޑިޒައިނަރު އަބްދުﷲ ޝަފީޢު (އަބޯ) އަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އޭގެ އިތުރުން، ސްކޫލްގެ ފަރާތުން ކުދިންގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، ފާޒިލް ސަރ، އަދި އިނާޒާ މިސްގެ އިތުރުން އަޖުފާން މިސްގެ ނަން ފާހަގަކޮށް، ޙިލްމީ ސަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީގައި ބޭއްވި މި މުބާރާތް ނިންމާލުމަށް ފަހު މި ސްކޫލްގެ ޓީމު އިއްޔެ ހެނދުނު ވަނީ އެނބުރި ރަށަށް އައިސްފައެވެ. މި ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް، ތަހުނިޔާ ކިޔުމަށް ޓަކައި، ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދުން ޓީމަށް މަރުޙަބާކިޔާފައެވެ.