EN

Search
Close this search box.

މަގޭ އާ ގަޑި

އެއް ދުވަހަކު އަހަރެންނަށް ގަޑިއެއް ފެނިއްޖެއެވެ. ސްމާރޓު ގަޑިއެކެވެ. ވަރަށް ރީއްޗެވެ. ރަނގަޅަށް ބަލައިލި އިރު ހިނގާއިރު އަޅާ ފިޔަވަޅުތަކަށް ދާންދެން އެ ގަޑީން ފެންނަކަމަށް ދައްކައިފައިވެއެވެ. އަހަރެން ކަސްރަތަށް ހިނގާއިރު މިއީ ނުހަނު ބޭނުންތެރި އެއްޗެއް ކަމަށް އަހަރެންގެ ޒަމީރު އަހަންނަށް ގޮވާލިއެވެ. ”މިއީ ހަމަ ކަލެޔަށް ހަދާފައި އޮތް ގަޑިއެއް“ ބޮލުތެރޭގައި އެނބުރެނީ މި އަޑެވެ. ބަނޑުހައިވެފައި ހުއްޓާ ކާ އެއްޗެއް ފެނިގެން އެއަށް ދަހިވާހެން، އަހަރެންގެ ހިތް މި ކަމަށް އެދި އާދޭސްކުރާން ފަށައިފިއެވެ. ދެން މި ޖެހުނީ މި ގަޑި ގަންނަންތާއެވެ. ކެތް ނުވެގެން ގަޑި ގަތްފީމެވެ.

ގެޔަށް އައިސް ގަޑި އަޅާލައިފީމެވެ. ގޯތި މީހުންނަށް ދައްކައި ފޮނިކަނޑައިލައިފީމެވެ. އަހަރެން ހިނގަން ދާން ތައްޔާރުވެގެން ނުކުމެއްޖައިމެވެ. މިފަހަރު ހިނގެނީ ކިހާވަރަކަށްކަން މި ގަޑިން އެނގޭނެތާއެވެ. ނުލާހިކު ބާރަށް ހިނގަން ފަށައިފީމެވެ.

ދުވަހަކު ވެސް ނުހިނގާ ވަރަށް ހިނގައިފީމެވެ. މުޅި މީހާ ވެސް ހުރީ އެކަށް ތެމިފައެވެ. ވާރޭ ވެހިގެންނެއް ނޫނެވެ. ދާހިއްލައިގެންނެވެ. ހިނގޭނީ މިހާކަވަރަކަށެވެ. ހިނގުނުވަރު ބަލައިލަން ގަޑި މޫނާ ދިމާއަށް އަނބުރާލައިފީމެވެ. ގަޑި ދިއްލިއްޖެއެވެ. އެޅުނު ފިޔަވަޅުތަކަށާ ކެލެރީ އެނދިވަރު ފެންނަ ބޮޅަށް ބަލައިލީމެވެ. އަދި ވެސް އޮތީ 0 ކެވެ. މި ދެން ކިހިނެއްވާ ކަމެއްބާއެވެ. އަހަރެން ހިނގާހިނގާ ވަރުބަލި ވެއްޖެއެވެ. އަދިވެސް 0 ގައެވެ. އަދި އަދާހަމަނުވަނީ ކަންނޭނގެއެވެ. ފެންވަރައިގެން ބަލައިލީމާ ހުންނާނީ އަދާހަމަވެފައިތާއެވެ.

ފެންވަރައިފީމެވެ. އަވަހަށް ގޮސް ގަޑި ބަލައިލީމެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. އަދިވެސް 0 ގައެވެ. މި ގަނެވުނީ ”ފޭކު“ ގަޑިއެއްތާއެވެ. އެތާ ސްޓެޕްސް އަދި ކެލެރީސް ޖަހައިފައި އެ އޮތީ ހަމަ ނަމަކަށެވެ. އެ ބޮޅުތަކަކީ ވެސް ހަމަ ޑިޒައިނެކެވެ. ނަމަކަށް ހުރި އެއްޗެއްސެވެ. ވަށްކޮށް އޮތް ގަޑިއެއް ގަތް ނަމަވެސް ގަޑީގެ ސްކްރީން ހުރީ ހަތަރެސްކަނަށެވެ. އެ ކަން މާ ބޮޑު ކަމަކަށް ނުހެދީ  ވެސް ސްމާރޓު ގަޑިން ފިޔަވަޅާއި ކެލެރީސް ބެލުން މާ މުހިންމު ވީމައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ޓަޗެއް ވެސް ނުކުރެވެއެވެ. މުޅި ގަޑި ކޮންޓުރޯލް ކުރަން މި ޖެހެނީ އޭގައި ހުންނަ އެންމެ ފިތަކުންނެވެ. ގަޑި ބެލުން ނޫން ކަމެއް މިއަކުން ނުކުރެވެއެވެ. މިވީ ހަމަ އާދައިގެ ގަޑިއަކަށެވެ. ދެން މިޖެހުނީ މި ”ސްމާރޓު“ ގަޑި ހަލާކުވާންދެން ބޭނުންކުރާށެވެ. 

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު