EN

ތިމާވެށީގެ މައްސަލަތައް

ޢަލީ ނާޒިހު – ގުރޭޑު 8

ތިމާވެށްޓަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ތިމާވެށްޓަކީ ތިމާގެ ވަށައިގެންވާ ތަންތަނާއި ތަކެއްޗާއި ވަސީލަތްތަކެވެ. ތިމާ އުޅޭ މާހައުލެވެ. ގެންގުޅޭ ތަކެއްޗެވެ. ތިމާވެށްޓާ ބެހޭގޮތުން އެތައް ބައެއްގެ ދުލުން ދެކެވެނީ އެއް ވާހަކައެކެވެ. ޝައްކެއް ވެސް ނެތެވެ. އެއީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކައެވެ. ނުވަތަ ތިމާވެށީގެ މައްސަލަތައް ބޮޑުވެފައިވާ ވާހަކައެވެ.

ރަށްގިރުމަކީ ތިމާވެށްޓަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ. ރަށްގިރުމުގެ ސަބަބުން ވާ ގެއްލުން ގުނާ އަދަދު ނުކުރެވޭހާ ވެސް ގިނައެވެ. ރަށް ގިރަނީ އަހަރުމެން ކުރާ ކަންތައްތަކުގެ ސަބަބުންނެވެ. އެގޮތުން ވެލިނެގުމަކީ ރަށް ގިރުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ކަމެވެ. ވެލިނެގުމުން، ޖަހާ ރާޅުތައް ވެލިގަނޑު ދަމާލައެވެ. މީގެ ސަބަބުން ކަކުނިފަދަ ގޮނޑުދޮށުގެ ގިނަ ދިރުންތަކަށް ގެއްލުންވެއެވެ. މިއީ އަހަރުމެންނަށް ހައްލުކުރެވޭނެ ކަމެކެވެ. ގޮނޑުދޮށުން ވެލިނެގުން ހުއްޓާލުމަކީ މި މައްސަލަ ހައްލުރަން އެޅޭނެ ބޮޑު ފިޔަވަޅެކެވެ.

ތިމާވެށްޓަށް ދިމާވާ އަނެއް މައްސަލައަކީ ޖައްވަށް ވިހަ ގޭސްތައް ދޫކުރުމެވެ. ގޭސް ދޫކުރަނީ ހަމަ އަހަރުމެން އިންސާނުންނެވެ. އިންޖީނުލީ އުޅަނދުފަހަރުންނާއި ކުނި އަންދާ ތަންތަނުންނެވެ. ކާރުޚާނާތަކުންނެވެ. މީގެ ސަބަބުން އޯޒޯންފަށަލަ ތުނިވެއެވެ. އަދި ދުނިޔެ ހޫނުވުމުގެ އިތުރުން ވައި ތަޣައްޔަރުވެއެވެ. މިފަދަ ކަންކަމާ ކުރިމަތިލާންޖެހިއްޖެނަމަ ގިނަ ބަލިތަކާ ކުރިމަތި ލާންޖެހުމަކީ ގާތްކަމެކެވެ. ހަމުގެ ކެންސަރާއި ލޮލުގެ ބަލިތަކެވެ. ނޭވާލާ ނިޒާމުގެ ބަލިތަކެވެ. މިއީ ވިސްނައިލަންޖެހޭ ބޮޑު ކަމެކެވެ. އެންމެން އެކީ މި ކަން ހައްލުކުރަން ހިނގާށެވެ. އިންޖީނުލީ އުޅަނދުގެ ބަދަލުގައި ބެޓެރިލީ އުޅަނދުތައް ބޭނުންކުރާށެވެ. ތެޔޮ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ނިމުމަކަށް ގެންނަމާ ހިނގާށެވެ. އިރުގެ ހަކަތައިން ކަރަންޓު އުފައްދާށެވެ. އޭރުން މި ކަން ހައްލުވާނެއެވެ.

މޫދަށް ކުނި އެޅުމަކީ ވެސް ތިމާވެށްޓަށް ނުހަނު ގެއްލުންވާ ކަމެކެވެ. ކައިފައި ތޮށިގަނޑު އެއްލައިލަނީ މޫދަށެވެ. އުފައްދާހާ ޕްލާސްޓިކް ކޮތަޅެއް އަޅަނީ މޫދަށެވެ. މީގެ ސަބަބުން މޫދުގައި ވާ ދިރުންތަކަށް ގިނަ ގެއްލުންތަކެއް ވެއެވެ. މިގޮތުން މޫދުގައި އުޅޭ މަސްމަހާމެއްސަށް ޕްލާސްޓިކު ކޮތަޅު ކެވި، މަރުވެއެވެ. ޕްލާސްޓިކް އެޅުމުން މުރަކަތަކަށް ވެސް އަސަރުކުރެއެވެ. ބައެއް ފަހަރު މުރަކަތައް މަރު ވެސް ވެއެވެ. ޕްލާސްޓިކު އުފައްދާ މިންވަރު މަދުކޮށް، މޫދަށް ޕްލާސްޓިކު އެޅުމުގެ ބަދަލުގައި ޑަސްބިނަށް އެޅުމަކީ މި ކަން ހައްލުކުރަން ކުރެވިދާނެ މުހިންމު ކަމެކެވެ.

ތިމާވެށީގެ މައްސަލަތަކަކީ ހައްލުނުވެ ހުރި ބޮޑެތި މައްސަލަތަކެވެ. މޫދަށް ކުނިއެޅުމާއި ނުރައްކާތެރި ގޭސްތައް ދޫކުރުމާއި ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވުމަކީ އަހަރެމެން އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. މިއީ އެންމެން އަތުކުރި އޮޅާލައިގެން ތެދުވެ ހައްލުކުރަންޖެހޭ ކަންކަމެވެ.

ހިއްސާކުރައްވާ
Share on facebook
Share on telegram
Share on email
Share on print

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު