އިޖުތިމާއީ ގުޅުން ވަރުގަދަ ކުރާނީ ކިހިނެއްތޯ؟

ދިވެހި އަދަބީ ފޯވަހި 2023-2024 | މަޒުމޫންލިޔުން (ކީސްޓޭޖް 4) – 1 ވަނަ، އިބްރާހީމް ޝައިހާން 

މުޖުތަމަޢުގައި މީހުންގެ މެދުގައި އޮންނަ އެކުވެރިކަމަށް އިޖުތިމާޢީ ގުޅުމޭ ކިޔައެވެ. ކުރީގައި ދިވެހީންނަކީ މި އެކުވެރިކަން ވަރަށް ވަރުގަދައަށް ދެމެހެއްޓި ބައެކެވެ. ނަމަވެސް ފަހަކަށް އައިސް މި ގުޅުންތައް ހީނަރުވާތަން މި ދަނީ ފެންނަމުންނެވެ. ފެންނަމުންދަނީ މުޖުތަމަޢު ބައިބައިވެ އެކަކު އަނެކަކަށް ނަފުރަތުން ފުރިފައިވާ ލޮލަކުން ބަލާތަނެވެ. ނަމަވެސް މިއީ ހައްލު ކުރެވޭނޭ ކަމެކެވެ. ހީނަރުވަމުން މިދާ ގުޅުންތައް އަލުން ވަރުގަދަކޮށްލުން މާ އުނދަގުލެއް ނުވާނެއެވެ. އެގޮތުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާންގަލާންކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، ހަދިޔާ ބަދަލުކޮށް، އަދި އެންމެން އެއްވެ ތަފާތު ކުޅިވަރުތައް ކުޅުމަކީ ގުޅުންތައް ބަދަހިކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމެވެ. 

      އެންމެ ފުރަތަމަ ކަމަކަށް، އެކުވެރިކަން ބަދަހިކުރުމަށް އެކަކު އަނެކަކާ ދިމާވާ ހިނދު ހިނިތުންވުމަކާއި އެކު ސަލާން ގަލާންކޮށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކުގެ ހާލުއަހުވާލު ބަލާ ހެދުމަކީ ގުޅުންތައް ބަދަހިވާނެ ކަމަކެވެ. ހިނިތުންވުމަކާއެކު ބައްދަލުކުރުމަކީ އެކަކު އަނެކަކާ މެދު އޮންނަ ނަފްރަތު ފިލުވާލުމަށް އެހީވެދޭ ކަމެކެވެ. ހަމައެހެންމެ ގިނަ ސަވާބުތަކެއް ވެސް ލިބޭ ކަމެކެވެ. ކޮންމެ ހިނިތުންވުމަކީ ޞަދަޤާތެކޭ ބުނާ އަޑު އަހަމު ހެއްޔެވެ؟ ތިމާއަށް ކުރެވޭ އެކަހަލަ ކުދި ކުދި ކަންކަމަކީ ވެސް އަނެކާއަށް އޭގެ ސަބަބުން އުފާވެރިކަން ލިބޭނެ ކަންކަމެވެ. އެހެންކަމުން އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ޓަކައި ގިނަގިނައިން ހިނިތުންވެ  ސަލާން ގަލާންކޮށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. 

      އިޖުތިމާޢީ ގުޅުން ވަރުގަދަ ތަނަކަށް ނަޒަރު ހިންގާލުމުން ފެންނާނެ އަނެއް ސިފައަކީ އެހީތެރިކަމެވެ. ބޭނުން ޖެހިފައިވާ މީހުންނަށް އަޅަލާތަނެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކެން ޖެހެއެވެ. ނަމަވެސް އަނެކާއަށް މޮޅެއް ލިބިދާނެ ކަމަށް ޓަކައި ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، އެހެން މީހުންނަށް އެހީތެރިވުމަށް ގިނަފަހަރަށް ނުރުހޭނެއެވެ. މި ވިސްނުން ދޫކޮށްލަން އެބަޖެހެއެވެ. އަނެކާއަށް ލިބޭ މޮޅަކީ ތިމާއަށް ވެސް ލިބޭ މޮޅެކެވެ. މުޖުތަމައަށް ލިބޭ ކާމިޔާބީއެކެވެ. އެންމެންގެ ދިރިއުޅުން ވެސް ފަސޭހަވެގެންދާނެ ކަމެކެވެ. މި ކަންކަމުގެ ސަބަބުން އެކަކު އަނެކަކަށް އޮންނަ ލޯބި އިތުރުވެ، އިޖުތިމާޢީ ގުޅުން އިތުރުވެގެން ދާނެއެވެ. 

      ދިވެހީންގެ ތެރޭގައި ވަރަށް ކުރީންސުރެ ވެސް އެކުވެރިކަން ދެމެހެއްޓުމަށް ޓަކައި ކުރަމުން އަންނަ އެއް ކަމަކީ ހަދިޔާ ބަދަލުކުރުމެވެ. ކުރިން، ގޭގައި މީރު އެއްޗެއް ކައްކައިފިނަމަ އަވަށްޓެރިންނަށް ބަހައި އުޅުނެވެ. މިހާރު ވެސް ކެއުމުގެ އިތުރުން އެނޫން ވެސް ތަފާތު ސާމާނު ހަދިޔާގެ ގޮތުގައި ދެއެއެވެ. އަންނައުނާއި، ފޮތާއި، ފޯނު ފަދަ ތަކެތި ހިމެނެއެވެ. ނަމަވެސް މި ސިފަ ކުރިން ފެންނަން އޮތް ވަރަކަށް ނުފެނެއެވެ. މައިގަނޑު ސަބަބަކަށް ވެފައި އޮތީ، ހަދިޔާގެ ގޮތުގައި ގަބޫލުކުރެވޭނީ އަގުބޮޑު އެއްޗެހި ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާތީއެވެ. ނަމަވެސް މިއީ ހުޅަނގުގެ ގައުމުތަކުން ގެންގުޅެމުން އައި ހަމަނުޖެހޭ ގަބޫލުކުރުމެކެވެ. ކިތަންމެ ކުޑަ އެއްޗަކުން ވެސް މީހަކަށް އުފާވެރިކަން ގެނުވިދާނެއެވެ. ތިމާއަށް ވީ ވަރަކުން އެއްޗެއް ފޯރު ކޮށްދިނުމުން އަނެކާއަށް ތިބާ އަޅާލާ މިންވަރު ވިސްނޭނެއެވެ. އޭގެ ސަބަބުން އެކުވެރިކަން ވަރުގަދަވެގެން ދާނެއެވެ. އެހެން ކަމުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެކަކު އަނެކަކަށް ހަދިޔާ ފޮނުވުމަކީ ވެސް ކުރެވިދާނެ ކަމަކެވެ. 

      އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރަން ކުރެވިދާނެ އަނެއް ކަމަކީ އެންމެން ގުޅިގެން ތަފާތު ކުޅިވަރުތައް ކުޅުމެވެ. ކުޅިވަރު ކުޅެވޭނީ ހަމައެކަނި ޢީދުގައެއް ނޫނެވެ. ކުޑަކުދީންގެ ކިބައިން ނަމޫނާ ނަގަމާހެއްޔެވެ. އެ ކުދީން ކޮންމެ ދުވަހަކު ލިބޭ ހުސްވަގުތުގައި އެއްތާކަށް އެއްވެ ތަފާތު ކުޅިވަރުތައް ކުޅެއެވެ. ފުޓުބޯޅައާއި ބައިބަލާއާއި ވޮލީ ފަދަ ތަފާތު ކުޅިވަރުތަކެވެ. އެކީގައި މިގޮތަށް ކުޅިވަރުތައް ކުޅުމަކީ އެ ކުދީންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޮންނަ ލޯބި އިތުރުވާކަމެކެވެ. އެހެންކަމުން އެ ކުދިން ނަމޫނާއަކަށް ބަލައި، ބޮޑެތި މީހުން ވެސް ލިބޭ ހުސްވަގުތުތަކުގައި އެންމެން އެއްވެ ކުޅިވަރުތައް ކުޅުމަކީ އިޖުތިމާޢީ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. 

      ހީނަރުވެ ނެތެމުން މިދާ ގުޅުންތައް އަލުން ބަދަހިކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެ ކަމަށް ޓަކައި އެކަކު އަނެކަކާ ސަލާންގަލާންކޮށް ހާލު އަހުވާލު ބަލަން ޖެހޭނެއެވެ. އަދި ލިބޭ ފުރުސަތުތަކުގައި ވެވުނު ވަރަކަށް އެހެން މީހުންނަށް އެހީތެރިވާން ޖެހެއެވެ. އަދި ތިމާއަށް ވީ ވަރަކުން ހަދިޔާ އެއްޗެހި ދެވޭތޯ ބަލަން ވާނެއެވެ. ހަމައެހެންމެ އެންމެން އެކީ ގުޅިގެން ކުޅިވަރުތައް ވެސް ކުޅެވިދާނެއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ދިވެހީންގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި އެއްބައިވަންތަކަން އިތުރުވެ، ބައިބައިވުން ނެތިގެން ދާނެ ކަމާ މެދު ވެސް ޝައްކެއް ނެތެވެ.  

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު