އެއީ ކޮން ސޮރެއް؟

އެއީ ރޭގަނޑުގެ ވަގުތެވެ. ބަނޑުހައިވެގެން ކާން ނުކުތީމެވެ. މާ ގިނައިރުތަކެއް ނުވަނީސް ކައި ނިމިއްޖެއެވެ. ދެން އަހަރެން ކޮޓަރިއަށް ވަންނަން ދާން ހިނގައިގަތީމެވެ. ކުއްލިޔަކަށް އަޑެއް އިވިއްޖެއެވެ. ސޮރަކު ތުންފުމެލި އަޑެވެ. މި ގަޑީގައި ކާކުބާއެވެ. އެ ގޮވަނީ މަށަށް ބާއެވެ؟ ނޫނީ އެހެން މީހަކަށް ބާއެވެ؟ އެހެންނާ މަށަށް ހީވި ގޮތް ބާއެވެ؟ ސުވާލުތަކުގެ ހާރެއް އަޅައިގެން އަހަރެންނަށް ހުއްޓިފައި ހުރެވުނެވެ. އާންމުކޮށް ރައްޓެހިން އައިސް އަހަރެންނަށް ގޮވަން ބަރުގޮނޑު އަޅާތީވެ ވާގޮތެވެ. ކޮންމެއަކަސް އެހެން ހުރެހުރެފައި އަހަރެން ކޮޓަރިއަށް ދާން ހިނގައިގަތްފީމެވެ.

އަހަރެންނަށް އަދިވެސް ފިކުރުކުރެވެނީ އެ އަޑާ މެދެވެ. އެއީ ފަހެ ކާކު ހެއްޔެވެ؟ މި ފިކުރުގެ ކަނޑަށް ޣަރަގުވެފައިވަނީކޮށް އަނެއްކާ ވެސް……….. އިވުނީ އެއްކަލަ އަޑެވެ. ކުރިން ވެސް އިވުނު ގޮތަށެވެ. އަހަރެންގެ ދެ ކަންފަތަށް ސިހުމެއް ލިބި ހަށިގަނޑާ ވަކިވާން އުޅުނުހެން ވެސް ހީވިއެވެ. ވައިރޯޅިއެއް ވީމާ ހީބިހި ނަގާހެން އެ އަޑު ކަންފަތަށް ޖެހިލުމާ އެކު ހީބިހިނަގައިގަތެވެ. އެއްކަލަ ސޮރު ގޮވަން ފެށީތާއެވެ. ބޭރަށް ދާހިތެއް ނުވިއެވެ. ނުނުކުންނަމެވެ. މިހެން އޮއްވާ އެ އަޑު ކެނޑިއްޖެއެވެ. 

މި ކަން މިހާރު އާދައަކަށް ވެސް ވެއްޖެއެވެ. ދޭތެރެދޭތެރެއިން އެ އަޑު އިވެއެވެ. އަހަރެން ނުނުކުންނާތީ އަހަރެންނަށް މީހަކު ނުވެސް ގުޅައެވެ. އެހެންވެ މި ކަމާ އަޅާވެސްނުލަނީއެވެ.

އެއް ރޭ އަހަރެން ބޭރަށްދާން ނުކުތްތަނާ އެއްކަލަ އަޑު އިވިއްޖެއެވެ. އަޑު އިވުނު ދިމާއަށް ބަލައިލީމެވެ. އަޑުގެ ސިއްރު ހާމަވީއެވެ. އަހަރެން ގާތަށް ހިނިވެސް އައެވެ. އެއީ އަހަރެންގެ އަވައްޓެރި ގެއެއް ދޮށުގައި ހުރި ސައިކަލަކުން ގޮވާ އަޑެކެވެ. ހީވަނީ ހަމަ ގުރައެއް ގޮވާހެން މީހަކު ތުންފުމެލާހެންނެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު