ހދ. އަތޮޅު މަދަރުސާގެ ހިތްމަތްތެރި ދަރިވަރުންގެ ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލީ ދަރިވަރުން ހޮވާ އިންތިޚާބު މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު 10:15 އިން ފެށިގެން ކުރިއަށް ދިޔަ މި އިންތިޚާބުގައި ވޯޓުލާފައިވަނީ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނެވެ.
ދަރިވަރުންގެ މެދުގައި ފޯރިގަދަ ކެމްޕެއިނެއް ފެނިގެންދިޔަ މި އިންތިޚާބުގެ ނަތީޖާ މި ހަފުތާގެ ތެރޭގައި އިއުލާނުކުރާނެކަމަށާއި، އަދި މަގާމުތަކަށް ހޮވުނު ދަރިވަރުންނާއި، ޕްރިފެކްޓުބޯޑުގެ އިތުރުން ޕީޓީއޭގެ އިސް މަގާމުތައް އިފްތިތާޙުކުރުމުގެ ޖަލްސާ ވީހާ ވެސް އަވަހަކަށް ބޭއްވޭތޯ އަންނަނީ މަސައްކަތްކުރަމުން ކަމަށް ސްކޫލްގެ އެސްއެމްޓީން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، ހައުސްތަކުގެ ކްލާސް މަންދޫބުން ހޮވުން މާދަމާގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަރިވަރުންގެ ޖަމިއްޔާގެ މަގާމުތަކުގެ ތެރޭގައި ސްކޫލްކެޕްޓަން، ޑެޕިއުޓީކެޕްޓަނުންނާއި، ގޭމްސް ކެޕްޓަން އަދި ގޭމްސް ޑެޕިއުޓީ ކެޕްޓަންގެ އިތުރުން ކްލަބްތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި ހައުސްތަކުގެ ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހިމެނެއެވެ.
ސްކޫލް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަން އަދި ގޭމްސްކެޕްޓަންގެ އިތުރުން ދަރިވަރުންގެ ޖަމިއްޔާގެ ކްލަބްތަކުގެ ރައީސުންނާއި، ހައުސް ކެޕްޓަނުންގެ މަގާމުތަކަށް ކުދިން ހޮވާ މިންގަނޑު
- ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންގެ މެދުގައި ބޭއްވި ވޯޓުލުން 25%
- ފާއިތުވި އަހަރުގެ 2 ސެމިސްޓާގެ ނަތީޖާ 40%
- ފާއިތުވިއަހަރު ކިޔަވާދެއްވި ޓީޗަރުން ފުރިހަމަކުރާ އަދަބު އަޙުލާގުގެ ބައިން 20%
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން 15%
ދަރިވަރުންގެ ޖަމިއްޔާގެ ނައިބު ރައީސުންނާއި، ޑެޕިއުޓީ ކެޕްޓަނުންގެ މަގާމުތަކަށް ކުދިން ހޮވާ މިންގަނޑު
- ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންގެ މެދުގައި ބޭއްވި ވޯޓުލުން 50%
- ފާއިތުވި އަހަރުގެ 2 ސެމިސްޓާގެ ނަތީޖާ 40%
- ފާއިތުވިއަހަރު ކިޔަވާދެއްވި ޓީޗަރުން ފުރިހަމަކުރާ އަދަބު އަޙުލާގުގެ ބައިން 10%
މި ބައިތަކަށް ލިބޭ ޖުމްލައިން އެންމެ މަތި ލިބޭ ދަރިވަރަކަށް އެ މަގާމު ލިބޭނެއެވެ.
އެއް މަގާމަށް ވުރެ ގިނަ މަގާމުތަކަށް އެއް ދަރިވަރަކު ހޮވިއްޖެނަމަ، މަގާމު ދިނުމުގައި އިސްކަންދެނީ މަގާމަށް ކުރިމަތިލާން ހުށަހެޅި ފޯމުގައި އެ ދަރިވަރަކު ކުރިމަތިލި މަގާމުތަކުގެ ތެރެއިން އިސްކަންދީފައިވާ މަގާމުތަކުގެ ތަރުތީބަށް ބަލައިފައެވެ.
ހިތްމަތްތެރި ދަރިވަރުންގެ ޖަމިއްޔާގެ މަޤުޞަދަކީ ކަންކަމުގައި އިސްނެގުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އަށަގަންނުވާ އެ ކަމަށް ހިތްވަރުދީ، ޒިންމާދާރުކުރުވުމާއި ހަރުދަނާ ރޫހެއް ބިނާކޮށް، ރަނގަޅު އަޚްލާޤެއްގެ މަތީ ތިބި ދަރިވަރުންތަކެއް އުފެއްދުމެވެ.