ޕާސްވޯޑު ރިސެޓުކުރުން

އަހަރެން ފޯނާ ކުޅެން އިންދައި ފޯނު ކުއްލިއަކަށް ނިވިއްޖެއެވެ. ދެން ހުޅުވުނުއިރު ފޯނު އޮތީ ރިސެޓުވެފައެވެ. އައި ރުޅީގައި ފޯނު ބިމަށް ނުޖެހުނީ ހަމަ ކިރިޔާއެވެ. ހުރިހައި އެޕްލިކޭޝަންތައް ވެސް ވަނީ ފުހެވިފައެވެ. އެހެންކަމުން އަހަންނަށް ޖެހުނީ އެ ހުރިހައި އެޕްލިކޭޝަންތަކެއް އަލުން އަޅާށެވެ.

އެޕްލިކޭޝަންތައް އަޅަމުން ގޮސް ބީ.އެމް.އެލް އެޕްލިކޭޝަން ވެސް އަޅައިފީމެވެ. އެ އެޕްލިކޭޝަނަށް ވަންތަނާ ލޮގިންވާން ޖެހިއްޖެއެވެ. ”ޕާސްވޯޑު“ އެކަންޏެއް ވެސް ނޫނެވެ. ”ޔޫސަރނޭމް“ ވެސް ހަނދާނެއް ނެތެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ މިދިޔަ އަހަރު އިންޓަރނެޓް ބޭންކިންގްގެ ޕާސްވޯޑު ބަދަލުކުރިކަމެވެ. އަދި އެއިރު ޔޫސަރނޭމް ކޮންމެވެސް ފޮތެއްގައި ލިޔުނު ހަނދާން ވެސް އާވިއެވެ. ނަމަވެސް އެއީ ކޮން ފޮތެއްކަމެއް ހަނދާނަކަށް ނައެވެ. އެ ދުވަހު އަހަރެންނަށް އެހީތެރިވެދިން ކުއްޖާއަށް ގުޅަން ގަސްތުކުރީމެވެ. ނަންބަރު ހޯދަންވެގެން ”ކޮންޓެކްޓް“ އެޕަށް ވަންއިރު ނަންބަރުތައް ވެސް ވަނީ ފުހެވިފައެވެ. ދެން ހަދާނެ ގޮތް ހުސްވިއެވެ. އެޕްލިކޭޝަންތައް ބަލަމުންދަނިކޮށް ”ވައިބަރ“ ފެނުނެވެ. އޭގައި އެ ކުއްޖާގެ ނަންބަރު ވާނެއެވެ. ވައިބަރއަށް ވަނީމެވެ. ނަސީބަކުން ނަންބަރު ފެނިއްޖެއެވެ.

އަހަރެން އެ ކުއްޖާއަށް ގުޅައި ކަން ހިނގި ގޮތް ކިޔައިދިނީމެވެ. އަދި ޔޫސަރނޭމް ލިޔުނީ ކޮން ފޮތެއްގައިތޯ ސުވާލުކުރީމެވެ. އޭނާގެ ޖަވާބުން ލިބުނީ އިތުރު މާޔޫސްކަމެކެވެ. އަހަރެން އެ ފޮތް އެއްލައިލައިފައި ވާތީއެވެ. އެ ކުއްޖާ އަދި އަހަރެން ގާތު އެހެން ސުވާލެއް ކުރިއެވެ. އީމެއިލް ހަނދާން ހުރިތޯއެވެ. ރާބޮންޖެއްހެން ކަރުއެލުނެވެ. އީމެއިލް ވެސް ހަނދާނެއް ނެތެވެ. ދެން އެ ކުއްޖާ ބުނީ ބެންކަށް ގުޅުމަށެވެ. ނުވަތަ މެއިލްކޮށްލާށެވެ. އެ ކަމާ ގުޅޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތު އެ ކުއްޖާ ދިނެވެ. އަދި ބެންކަށް ގުޅޭނެ ނަންބަރަކާއި އިތުރު އެހީއެއް ބޭނުންނަމަ ގުޅާނެ އެހެން ރައްޓެއްސެއްގެ ނަންބަރު ފޮނުވިއެވެ.

އަހަރެން ބެންކަކަށް ނުގުޅަމެވެ. އަދިވެސް ޔޫސަރނޭމް ފެނޭތޯ ބެލީއެވެ. މިހެން އުޅެނިކޮށް ކޮންމެވެސް ތާކުން ޔޫސާރނޭމް ލިޔެފައި އޮތް ފޮޓޯއެއް ފެނިއްޖެއެވެ. ދެން ޕާސްވޯޑު ރިސެޓުކުރަން ގަސްތުކުރީމެވެ. އެހެންނަމަވެސް، އީމެއިލް ވެސް ހަނދާންނެތްކަން އެނގި އުންމީދުކެނޑުނެވެ. އެންމެ ފަހުން ބެންކަށް ގުޅަން ގަސްތުކޮށްފީމެވެ.

އަހަރެން ބެންކަށް ގުޅައިފީމެވެ. އެކޮޅުން އީމެއިލް ކިޔައިދިނުމުން އިމެއިލާއި، އީމެއިލްގެ ޕާސްވޯޑު ވެސް ހަނދާނަށް އައެވެ. ބީ.އެމް.އެލް އިންޓަރނެޓު ބޭންކިންގްގެ ޕާސްވޯޑު ރިސެޓުކުރަން އީމެއިލް ޖަހައިފީމެވެ. އަދި އެހެން މަޢުލޫމާތު ފުރިހަމަކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ކޮންމެވެސް ”އެރަރ މެސެޖެއް“ ދައްކައެވެ. ތަކުރާރުކޮށް މަސައްކަތްކުރިއިރު ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަލުން ބެންކަށް ގުޅީމެވެ. އަދި ވީގޮތް ކިޔައިދިނުމުން ”ސްކްރީންޝޮޓެއް“ މެއިލްކުރަން ބުންޏެވެ. އަހަރެން ސްކްރީންޝޮޓު މެއިލްކުރީމެވެ. ބެންކުން ބުނީ އީމެއިލްގައި އެ އޮތީ ”gmail“ގެ ބަދަލުގައި ”gamil“ ޖަހައިފައި ކަމެވެ. އަހަރެން ރަނގަޅަށް ބަލައިލީމެވެ. ތެދެކެވެ. ”gamil“ ޖަހައިގެން މި ކަންވާނީ ފަހެ ކިހިނެއް ހެއްޔެވެ. އަހަރެން އެކަމާ ހީހީ ހަލާކުވިއެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު