އަޙުމަދާއި ފުޓުބޯޅަ

ވާއިލް މުޙައްމަދު (ގުރޭޑު 8)

އަޙުމަދަކީ ފުޓުބޯޅައަށް ގެއްލި ހުސްވެފައި ހުންނަ ސޮރެކެވެ. އަޙުމަދުގެ ބައްޕައާއި މަންމަ އޭނާއަށް ފުޓުބޯޅަ ގޭމު ކުޅޭނެ ކޮންޕިއުޓަރެއް ގަތްދިނެވެ. ފުޓުބޯޅަ ކުޅޭ ބޯޅައެއް ވެސް ގަތްދިނެވެ. މި ދޭއްޗާ ނުލާ އަޙުމަދަކަށް ނުވެސް ނިދެއެވެ. ދުވާލު ހަތަރުދަމު ކުޅެނީ ކޮންޕިއުޓަރެއެވެ. ރޭގަނޑު ދަނީ ރައްޓެހިންނާ އެކު ފުޓުބޯޅަ ކުޅޭށެވެ.

އެއްދުވަހަކު އަޙުމަދު އެހެން ދުވަސްތަކާ ޚިލާފަށް ސުކޫލަށް ނުދާން ގަދަހެދިއެވެ. ބަނޑުގައި ރިއްސަނީއޭ ކިޔަންފެށިއެވެ. މި މޮޅު ބަހަނާއަށް މަންމައާއި ބައްޕަ ގުނބޯހައްދައިލައިފިއެވެ. ސުކޫލަށް ނުގޮސް ގޭމުކުޅެން ޖައްސާލައިފިއެވެ. މެންދުރު ނަމާދާ ގާތްކޮށްލައިފައެވެ. އަޙުމަދުގެ ބައްޕަ އައިސް ނަމާދަށް ދާން ހިނގާށޭ ބުންޏެވެ. އަޙުމަދު ކަހާތަން ހިރުވާ ވެސް ނުލާ އިނެވެ.

މަޣުރިބު ނަމާދު ވަގުތު ފާއިތުވެ ޢިޝާ ނަމާދުގެ ޖަމާޢަތް ވެސް ނިމިއްޖެއެވެ. އަޙުމަދު ފުޓުބޯޅަ ކުޅެންދާން ތައްޔާރުވިއެވެ. ސިއްރުސިއްރުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަސްތާ! މަންމަގެ ކުރިމައްޗަށް އަޙުމަދަށް ނުކުމެވުނެވެ. ”ކުޅޭކަށް ނުދެވޭނެ!“ މަންމަ ބުންޏެވެ. މިހެން ބުނުމުން އޭނާ އަވަހަށް ބިރުން އެނބުރި ގޮސް ކޮޓަރިއަށް ވަނެވެ. ވުޟޫކޮށްގެން ޢިޝާ ނަމާދު ކުރިއެވެ. ކުޅެން ނުފޮނުވުމުން އެ ކަމާ ރޯން އޮއްވާ އަޙުމަދަށް ނިދިއްޖެއެވެ.

އެއްޗެއްގެ ރުއިމުގެ އަޑަށް އަޙުމަދު އެ ދިމާއަށް ބަލައިލިއެވެ. އެއީ އަޙުމަދުގެ ބޯޅައެވެ. ބޯޅަ ރޮނީ ކީއްވެތޯ އަހާލިއެވެ. ”އަހަރެން ގޮވައިގެން ކުޅެން ނުދިޔައީ ކީއްވެގެންތަ؟ މަންމައާއި ބައްޕަ ބުނި ބަސް ނޭހީ ކީއްވެގެންތަ؟“ ބޯޅަ ކުރީ ސުވާލުތަކެކެވެ. އަޙުމަދު ވެސް ބަޑި ފަޅައިގެން ހިނގައްޖެއެވެ. ބައްޕައާ އެކު އޭރު ނަމާދަށް ނުދެވުމުން ވަރަށް ދެރަވިއެވެ. ”ބޯޅަޔާއެވެ. އަހަރެންނަށް ހާދަ އަޒާބެއް ލިބޭނެއެވެ. އަހަރެން މައިންބަފައިން ބުނާ ބަސްއަހަން ފަށަންވީދޯއެވެ. ފުޓުބޯޅަ ކުޅެން ދެވޭނީ ވެސް އޭރުންނެވެ.“ އަޙުމަދު ބޯޅައަށް ކިޔައިދިނެވެ.

”އޭތް! އޭތް! އަޙުމަދޫ! އަޙުމަދޫ!“ ގޮވާލި އަޑަށް ސިހުމެއް ލިބި އަޙުމަދަށް ހޭލެވުނެވެ. އެއީ ފަތިސްނަމާދަށް ދާން އަޙުމަދުގެ ބައްޕަ އަޙުމަދަށް ގޮވި އަޑެވެ. އަޙުމަދު ބޯޅަ ކައިރީގައި ބުނިފަދައިން އޭނާ ބައްޕަ ބުނާ ބަސްއަހައިގެން ދެ މީހުން ފަތިސްނަމާދަށް ދިޔައެވެ. ދިޔަ މަގުމަތީ ފެނުނު ވިދަވިދާ ހުރި ހުދު ތަރިތަކުގެ މަންޒަރުން އަޙުމަދުގެ އަޙުމަދުގެ ދެ ކަޅި ފުރާލިއެވެ. ކިހާ ރީތި މަންޒަރެއް ހެއްޔެވެ؟

މީގެ ފަހުން އަޙުމަދު މައިންބަފައިން ބުނާ ބަސްއަހައެވެ. ކިޔަމަންތެރިވެ، ބަރާބަރަށް ސުކޫލަށް ވެސް ދެއެވެ. އަދި ވަގުތަށް ނަމާދަށް ވެސް އަރައެވެ. އަޙުމަދުގެ އުޅުން ބަދަލުވީ އަޙުމަދަށް ފެނުނު ހުވަފެނުންނެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

One Response

ކިޔުންތެރިޔާގެ ޚިޔާލު