އަހަރެމެން ގެޔަށް އާ އައިސްއަލަމާރިއެއް ގެނައެވެ. އައިސްއަލަމާރި ޖައްސައިފީމެވެ. ނުލާހިކު ފައްކަލެވެ. ދައްތައަށް ވެސް މި އަލަމާރި ވަރަށް ކަމުދިޔައެވެ. އާ އެއްޗަކަށްވީމާ އެއާ ކުޅޭކަށް ދައްތައަކަށް ނޭނގެއެވެ. އަހަރެންނަކަށް ވެސް އެހާ ބޮޑަކަށް ނޭނގެއެވެ. ކުޅެން ނޭނގުނަސް މިހާ އަގުބޮޑު އެއްޗެއް ގަތީ ގިނަ ދުވަހު ގެންގުޅެވޭތޯ ބަލާށެވެ. ފޯނު ވެސް ހަލާކުވީ އެ ދުވަސްކޮޅާ ދިމާކޮށެވެ. ފެން އެޅުނީއެވެ. އަނެއްކާ ފޯނެއް ގަންނަންވީއެވެ. ނޫނީ މި ހެދޭތޯ އުޅެންވީއެވެ. މީ ދެން ކިހާ ދެރަވެއްޖެ ކަމެއްތާއެވެ. ބޮޑެތި ޚަރަދުތައް ކުރަން މި ޖެހެނީ އެއްފަހަރާއެވެ. ލެޕްޓޮޕެއް ވެސް ގަތީ އެހައްދުވަހަކުއެވެ. މިހެން ވެސް މި ވީއެވެ. ކުރާނެ ކަމެއް ނެތެވެ. ދެން މި ކަންކަމައިގެން އުޅެންވީއެވެ.
އަލަމާރިއަށް ވަރަށް ބައިވަރު އެއްޗެހި އަޅައިފީމެވެ. ދައްތަ ވެސް ބާޒާރަށް ގޮސް އަލަމާރިއަށް އަޅާނެ ސާމާނު ގެނައެވެ. ދެން އެ ހުރިހާ އެއްޗެއް ވެސް އެޅީއެވެ. ތަންކޮޅެއް ބޮޑަށް ފިނިވާ ގޮތަށް ސެޓިން ވެސް ހަދައިފީމެވެ.
ފަތިސް ވަގުތެވެ. ދައްތަ އަހަރެންނަށް ގޮވައިފިއެވެ. ބަދިގޭން ފާޑެއްގެ އަޑެއް އިވެނިއްޔޯލައެވެ. ދައްތަ ހުރީ ވަރަށް ހާސްވެފައެވެ. ދެ މީހުން ބަދިގެއާ ދިމާއަށް ދިޔައިމެވެ. ދޮރުދޮށަށް ދިޔަތަނާ އެ އިވޭ އަޑުފައްގަނޑު ކެނޑިއްޖެއެވެ. އަވަސްއަވަހަށް އަލަމާރި ބަލައިލީމެވެ. ވަކި ޚާއްޞަ ކަމެއް ފާހަގައެއް ނުކުރެވުނެވެ. ދެން އެނބުރި ކޮޓަރިއަށް ދިޔައިމެވެ. ނަމާދުކޮށްގެން ނިދީމެވެ.
އަނެއްކާ ވެސް މީހަކު ގޮވާ އަޑެވެ. ހަމަ ދައްތައެވެ. އެއްކަލަ އަޑު އިވުނީއެވެ. އަލަމާރި ކައިރިއަށް ދިޔައިރު ވެސް ނުލާހިކު ބާރަށް އެ އަޑު އިވުނު ވާހަކައެވެ. އޭގައި ހުރި ފިތްތަކަށް ފިތީމާ ވެސް އެ އަޑު ނުކެނޑުނު ވާހަކައެވެ. އަހަރެން ހުރީ ވެސް ނިދިޖެހިފައެވެ. އެކަމަކު ދެން މި އަޑެއް އިވެނީ ކީއްވެތޯ ވެސް ބަލަންޖެހޭނެތާއެވެ. އޮފީހަށް ދާ ގަޑި ވެސް ޖެހެނީއެވެ. މި ކަމުން އަވަހަށް ސަލާމަތްވެވޭނެބާއެވެ.
ބަދިގެއަށް ވަނީމެވެ. އެ އިވޭ އަޑެއް އެބަ އިވެއެވެ. އަލަމާރި ކައިރިއަށް ދިޔައިމެވެ. ފިތްތަކާ ކުޅެގަތްފީމެވެ. ވާކަމެއް ހަރާމެވެ. އަޑެއް ނުކެނޑެއެވެ. ދެން އެ އިވޭ އަޑަށް ކުޑަކޮށް ސަމާލުކަންދިނީމެވެ. ކަންފަތަށް އާ އަޑެއް ނޫނެވެ. ކުރިން ވެސް އިވޭ އަޑެކެވެ. ކޯއްޗަކުން އިވޭ އަޑެއް ބާއެވެ. އަޑު އިވެނީ ކޮން ދިމާއަކުންތޯ ބަލަން ފަށައިފީމެވެ. އަލަމާރި ކައިރިންނެވެ. އެކަމަކު އަލަމާރިން އިވޭ އަޑެއްހެނެއް ހިޔެއް ނުވެއެވެ. ދެން މި ޖެހުނީ ޔަގީން ކުރާށެވެ. އަލަމާރީގައި ކަންފަތް ޖަހައިފީމެވެ. މިފަހަރު އެ އަޑު އެއްވެސް ގޮތަކަށް ނީވުނެވެ. މި ދެން ކިހާ ބޮޑު ކަމެއްތާއެވެ. ބިރުގަތީބާއެވެ. ދެން އަހަރެން ފެންވަރަން ހިނގައްޖައިމުއެވެ.
ފެންވަރައިގެން ނުކުތްތަނާ އެއްކަލަ އަޑު އިވެން ފަށައިފިއެވެ. އަވަހަށް ގޮސް އަލަމާރީގައި ކަންފަތްޖެހީމެވެ. އަޑުއިވެއެވެ. އެކަމަކު އަލަމާރިއަކުން ނޫނެވެ. މި ކަން ޔަގީން ވެއްޖެއެވެ. ދެން އެތާ ކައިރީގައި ހުރި ކަބަޑުގައި ކަންފަތް ޖަހައިފީމެވެ. އެއިންނެވެ. ހުޅުވާލައިފީމެވެ. ވީ ގޮތް އެނގިއްޖެއެވެ. ދައްތައަށް ގޮވައިފީމެވެ. ވީ ގޮތް އެނގުނު ވާހަކަ ބުނީމެވެ. ކަބަޑުގައި ހުރި ހަނޑޫ ޓައްޕު މަތިނަގައި އެއިން ފޯނު ނެގީމެވެ. ފޯނަށް ފެން އެޅުމުން އެ ރަނގަޅުވޭތޯ ހަނޑޫ ޓައްޕަށް ލީކަން ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. އަލަމާރިއާގެން މާ ބުރަކޮށް އުޅެންޖެހުނީމާ ވީގޮތެވެ. ފޯނު މަތިން ވެސް ހަނދާން ނެތުނީއެވެ. އެ އިވުނު އަޑަކީ ބަރިއަކަށް ސެޓުކޮށްފައިވާ އެލާމުތަކުގެ އަޑެވެ.