.
މަރްޔަމް ބިންތު އިބްރާހީމް ބިން މުޙައްމަދު – ގުރޭޑު 6
މިއީ ހުކުރު ދުވަހެވެ. އަހަރެން އުޅުނީ އަހަރެންގެ އެކުވެރިޔާގެ ގެއަށް ދާން ތައްޔާރުވާންށެވެ. އަހަރެން ތައްޔާރުވެގެން ނުކުތީ ބާރަށް ދުވެފައެވެ. ކުއްލިއަކަށް ފެނުނީ މަންމަ ސިޓިންރޫމުގައި ރުޅިއައިސް ހުއްޓައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނުވެއްޓުނީ ކިރިޔާއެވެ. ”ތިޔަ ދަނީ ކޮންތާކަށް މިރޭ ވެސް“ މަންމަ އެހިއެވެ. އަހަރެން ބުނީމެވެ. ”މި ދަނީ އަރޫޝާގެ (އެކުވެރިޔާ) ގެއަށެވެ. މަންމަ ރުޅި އައިސް ބުންޏެވެ. ”މިއަދަކީ ހުކުރު ދުވަސް، މި ރެއަކު ނުދެވޭނެ“ އަހަރެން ރުޅިއައިސްފައި ބާރަކަށް ފައިން ބިންމަތީ ޖަހަމުން ދިޔައީ ކޮޓަރިއަށެވެ.
އަހަރެން ކޮޓަރިއަށް ވަދެފައި އަވަހަށް ގުޅީ އަރޫޝާއަށެވެ. އިރުކޮޅެއް ނުވަނީސް ފޯނުނަގައިފިއެވެ. އަހަރެން ދެންމެ ވީ ހުރިހާ ކަމެއްގެ ވާހަކަ ކިޔައިދިނީމެވެ. އަހަރެން ބުނީމެވެ. ”މިރޭ ކޮންމެހެން ވެސް ދާނަން. މިއަދަކީ އަރޫގެ އުފަންދުވަހެއްނު“ އަރޫޝާ ބުންޏެވެ. ”ފައިނާގެ މަންމަ އެ ބުނީ ތެދެއް، އެކަމަކު ފައިނާ ބޭނުން ގޮތެއް ހަދާ“ އެހެން ކިޔާފައި އަރޫޝާ ފޯނު ކަނޑާލިއެވެ. އަހަރެން ހަދާނެގޮތެއް ނޭނގިގެން ދެކޮޅަށް ހިނގަހިނގާ ހުއްޓާ ފެނުނީ ވާގަނޑެކެވެ. އަވަހަށް ވާގަނޑު ނަގާފައި ޖާލީގައި އައްސާލީމެވެ. އަހަރެން މަންމައާ ފިލައިގެން ޖާލިން ފޭބީމެވެ. ދެން ދުވެފައި ދިޔައީ އަރޫޝާގެ ގެއަށެވެ.
އެ ގެއަށް ދިޔައިރު ހުރީ ޕާޓީ ފަށައިފައެވެ. އަހަރެން ގޮސް އަރޫޝާއަށް ހަދިޔާ ދިނީމެވެ. ޕާޓީ ނިމުނުއިރު ހުރީ ދެއެއް ޖަހާފައެވެ. އެންމެން ގެއަށް ދިޔައެވެ. އަހަރެން ވެސް ގެއަށް ދާން ހިނގައިގަތީމެވެ. އަހަރެން އަވަހަށް ގެއަށްދާންވެގެން ދިޔައީ ސަހަރާ ކައިރިންނެވެ. ވަކި ހިސާބަކަށް ދިޔަތަނާ މީހަކު ފަހަތުން އަންނަހެން ހީވިއެވެ. އަހަރެން ތަންކޮޅެއް ބާރަށް ހިނގަންފެށީމެވެ. އޭތި ވެސް އަހަރެން ފަހަތުން ބާރަކަށްއައެވެ. އަހަރެން ފަހަތް ބަލައިލިއިރު އަނދިރިގަނޑުތެރެއިން ފެނުނީ ހަމައެކަނި ރަތްކުލައިގެ ދެ ލޮލެވެ. އަހަންނަށް އެއީ ކޯއްޗެއް ކަމެއް ނޭނގުނެވެ. އެކަމަކު، އެނގެނީ އެއީ އިންސާނެއް ނޫންކަމެވެ. އަހަރެން ބިރުން ގޮސް ދުއްވައިގަތީމެވެ. ދުވަމުން ދުވަމުން ދަނިކޮށް އެއްޗެއްގައި ޖެހި ވެއްޓުނެވެ. ދެން އިވުނީ ފުލުހުންގެ ކާރުގެ އަޑެވެ. އެންމެ ފަހުން އިވުނީ މަންމަ އަހަރެންނަށް ބާރަކަށް ގޮވި އަޑެވެ. ދެންވީގޮތެއް ވެސް ނޭނގުނެވެ. އަހަރެން ހޭނެތުނީއެވެ.
ހޭއެރިއިރު އަހަރެން އޮތީ ހަސްފަތާލުގައެވެ. އަހަރެން ވަށާލާފައި ބައިވަރު މީހުން ތިއްބެވެ. އެންމެ ގާތުގައި ހުރީ މަންމައެވެ. ކުއްލިއަކަށް ޑަކުޓަރުން އައިސް ޓެސްޓުތައް ހެދިއެވެ. އެއަށް ފަހު އަހަރެން ގެއަށް ފޮނުވާލިއެވެ.
ގެއަށް ދިޔަ މަގުމަތީ އަހަރެން މަންމަ ގާތު މަޢާފަށްއެދުނީމެވެ. ދެން، މަންމަ ބުނާ ބަސް އަހާނެކަމަށް ބުނީމެވެ. އަދި އެރޭ ވީކަންތައްތައް ކިޔައިދިނީމެވެ. މަންމަ އަހަރެންނަށް މާފުކުރިއެވެ.